05 ސެޕްޓެމްބަރ 2020 - 11:03

ޓޯކިޔޯ (ސެޕްޓެމްބަރު 5) - ޗައިނާ ކަނޑުގައި ބާރުގަދަ ތޫފާނެއްގައި ޖެހި، 40 އަށް ވުރެ ގިނަ ފަޅުވެރިންނާއި 6،000 ގެރިއާ އެކު ފެތުނު ކާގޯ ބޯޓުން ދެ ވަނަ ފަޅުވެރިއަކު ސަލާމަތްކޮށްފި އެވެ.

ތޫފާނުގައި ޖެހުނު ބޯޓު، ގަލްފް ލައިވްސްޓޮކް 1 އިން ކުރިން ވެސް ވަނީ ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ. ޖަޕާނުގެ ކޯސްޓްގާޑުގެ އޮފިޝަލަކު ބުނީ އެންމެ ފަހުން ސަލާމަތްކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިލިޕީންސްގެ ފަޅުވެރިއެއް ކަމަށެވެ. ބުދަ ދުވަހު ސަލާމަތްކޮށްފައި ވަނީ ބޯޓުގެ ޗީފް އިންޖިނޭރު އެޑްއާޑޯ ސަރޭނޯ އެވެ. އެންމެ ފަހުން ސަލާމަތް ކުރި މީހާ އޮތީ ލައިފްޖެކެޓް އަޅައިގެން ލައިފް ރާފްޓެއްގަ އެވެ. ހުކުރު ދުވަހު ވެސް ވަނީ ކަނޑުމަތިން އިތުރު މީހަކު ނަގައިފަ އެވެ. ނަމަވެސް އެ މީހާ އޮތީ މަރުވެފަ އެވެ.
ކަނޑުވި އިތުރު މީހުން ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދު ގެއްލިފައި ވަނީ ތޫފާނުގެ ބާރު އެ ސަރަހައްދުގައި ގަދަވާތީ އެވެ.
ތޫފާންގައި ގަލްފް ލައިވްސްޓޮކް 1 ޖެހުނީ އިރުމަތީ ޗައިނާ ކަނޑުންނެވެ. ތޫފާނުގައި ޖެހުމާ އެކު ބޯޓުން ވަނީ ހާލުގައި ޖެހުނުކަމުގެ ސިގްނަލް ފޮނުވައިފަ އެވެ. ޓްރެކިން ވެބްސައިޓެއް ކަމަށްވާ މެރިންޓްރެފިކް.ކޮމް އިން ބުނި ގޮތުގައި ބޯޓުގެ އެންމެ ފަހުގެ ޕޮޒިޝަނުގައި ވައި ޖެހެމުން ދިޔައީ 58 ނޮޓް (ގަޑިއަކު 66 މޭލު ނުވަތަ 107 ކިލޯމީޓަރު) ގެ ބާރު މިނުގަ އެވެ.
ކާގޯ ބޯޓުގައި ތިބީ ފިލިޕީންސްގެ 39 މީހުންނާއި ނިއު ޒީލެންޑުގެ ދެ މީހުން އަދި އޮސްޓްރޭލިއާގެ ވެސް ދެ މީހުންނެވެ.
ސަލާމަތްކުރި ފިލިޕީންސްގެ ފަޅުވެރިޔާއާ ހަވާލާދީ ޖަޕާނުގެ ކޯސްޓްގާޑުން ބުނެފައި ވަނީ ތޫފާނުގެ ބިޔަ ރާޅުތަކުގައި ޖެހި ބޯޓު ފެތުމުގެ ކުރިން އޭގެ އިންޖީނު ވެސް ހުއްޓުނު ކަމަށެވެ. އުމުރުން 45 އަހަރުގެ ޗީފް އޮފިސަރު ބުނީ ހުރިހާ ފަޅުވެރިން ވެސް ލައިފްޖެކެޓް އަޅައިގެން ތިބުމަށް ކެޕްޓަން އެންގި ކަމަށެވެ. އަދި ބޯޓު ސަލާމަތް ނުވާނެހެން ހީވުމުން އޭނާ ކަނޑަށް ފުންމާލީ ކަމަށް ބުންޏެވެ.
ގަލްފް ލައިވްސްޓޮކް 1 ނިއު ޒީލެންޑުން އޮގަސްޓް 14 ގައި ފުރީ ޗައިނާ އަށް ދިއުމަށެވެ. ނިއު ޒީލެންޑުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ދަތުރަށް ހޭދަވާނެ ކަމަށް ލަފާކޮށްފައި ވަނީ 17 ދުވަސް ކަމަށެވެ. ދިގު މިނުގައި 139 މީޓަރު (450 ފޫޓު) ހުންނަ ގަލްފް ލައިވްސްޓޮކް 1 ބަނދެފައި ވަނީ 2002 ވަނަ އަހަރު އެވެ. އެ ބޯޓު ދަތުރު ކުރަނީ ޕެނަމާގެ ދިދައިގެ ދަށުންނެވެ.