80 މީހުން މިއަދު ޕޮޒިޓިވްވެ، 159 މީހުން ރަނގަޅުވެއްޖެ
80 މީހުން މިއަދު ޕޮޒިޓިވްވެ، 159 މީހުން ރަނގަޅުވެއްޖެ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 80 މީހަކު ޕޮޒިޓިވްވި އިރު، 159 މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 80 މީހުން ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 60 މީހުންނަކީ ދިވެހިންނެވެ. ރަނގަޅުވި މީހުންގެ އަދަދު 159 މީހުންނަށް އެރި އިރު، އިއްޔެ ވެސް ގިނަ ބަޔަކު ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑް-19 ރާއްޖެއިން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8،361 އަށް އަރައިފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން 77 މީހުން ޕޮޒިޓިވްވީ މާލޭ ސަރަހައްދުންނެވެ. އަދި އެހެން ރަށްތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މާލޭގެ އިތުރުން 39 ރަށަކާއި 20 ރިސޯޓެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 17 ޓޫރިސްޓުންނާއި 45 މުވައްޒަފުން ހިމެނެ އެވެ.

ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެ އިން 29 މީހަކު ވަނީ މަރުވެފަ އެވެ.