04 ސެޕްޓެމްބަރ 2020 - 17:27

އައްޑު އަށް ހާއްސަ ދޫނި، ދޮންދީނިއާ ބެހޭ ސާވޭއެއް ހަދަން ނިންމައި، އާންމުން އެ ސާވޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި މަހުގެ 15-30 އަށް މި ސާވޭ ކުރިއަށް ގެންދަނީ އެންވަޔަރެމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ނޭޗާ ޕާކް ގުޅިގެންނެވެ. "ސިޓިޒަން ސައިންސް ސާވޭ" ގެ މައިގަނޑު ބޭނުމަކީ އައްޑޫގައި އުޅޭ ދޮންދީނީ އާބާދީ ދެނެގަތުމެވެ.
މިއީ ހިމާޔަތް ކޮށްފައިވާ ދޮންދީނިއާ ގުޅޭ މިފަދަ ސާވޭއެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އަމިއްލަ ގޮތުން ސާވޭގައި ބައިވެރިވާން ބޭނުންވާ މީހުން އޮންލައިން ފޯމެއް ފުރަން ޖެހެ އެވެ. މިކަމާ ގުޅޭ ގޮތުން އީޕީއޭ އިން ކުރި ޓްވީޓްގައި ވަނީ ފޯމު ހިމަނާފައި ވެ އެވެ.
ދޮންދީނި އަކީ އައްޑު އަށް ހާއްސަ ދޫންޏެއްގެ ގޮތުގައި މަޝްހޫރު ދޫންޏެކެވެ. އަދި މިއީ އައްޑޫ ޒަމްޒު ކޮށްދޭ މުހިއްމު ވަސީލަތެކެވެ. ދޮންދީނި އަކީ ކަޅު ކުލައިގެ ތުންގަނޑަކާއި ފަޔާ އެކު މުޅި ހަށިގަނޑު ހުދު ކުލައިގައި ހުންނަ ދޫންޏެކެވެ. ކަނޑުމަތީގެ މި ދޫންޏަކީ މަސްވެރިކަމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ދޮންދީނި އަކީ އައްޑު އަށް ހާއްސަ އެއްޗެއް ނަމަވެސް މި ދޫނި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށް ގެންގޮސް އާލާކުރަން ވެސް ބައެއް މީހުން ކުރިން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ ހުވަދު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހަވޮޑިގަލާގައި ދޮންދީނި އާލާކުރަން މީގެ އަހަރުތަކެއް ކުރިން ކުރި މަސައްކަތެވެ.
އައްޑޫގެ ދޮންދީނީގެ އާބާދީ ދެނެގަންނަން ސާވޭއެއް ހަދަން ނިންމި އިރު، އެ ދޫނި ކުރިން އާންމުކޮށް ހާލި އަޅައި އުޅުނު ބަނބުކެޔޮ ގަސްތަކާއި އަނބު ގަސް ފަދަ ބިޔަކޮށް ހެދޭ ގަސްތައް އައްޑޫން ވަރަށް ބޮޑަށް މަދުވެފައިވާތީ ދޮންދީނީގެ އާބާދީ ވެސް ދަށްވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ކުރިން ބައެއް މީހުން އޮޅުކޮށްގެން ގެންގުޅެން ދޮންދީނި ހިފި ނަމަވެސް ހިމާޔަތްކުރި ފަހުން އެކަން ވަނީ މަނާކޮށްފަ އެވެ.