100 ދުވަހަށް ފަހު ތައިލެންޑުން ކޮމިއުނިޓީ ސްޕްރެޑެއް ފެނިއްޖެ
100 ދުވަހަށް ފަހު ތައިލެންޑުން ކޮމިއުނިޓީ ސްޕްރެޑެއް ފެނިއްޖެ

ބެންކޮކް (ސެޕްޓެމްބަރު 4) - ސަތޭކަ ދުވަހަށް ފަހު ތައިލެންޑުން މުޖްތަމައު ތެރޭން ބަލިފެނިފައިވާ ކަމަށް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި އެވެ.

ހެލްތު އޮފިޝަލުން ބުނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ކުށެއް ސާބިތުވެގެން ދާދި ފަހުން ބެންކޮކުގެ ޖަލެއްގައި ބަންދު ކުރި މީހެއް ކަމަށެވެ. ގައިދީން ކޮންމެ ދުވަހަކު ވެސް ޗެކް ކުރާ އުސޫލުން ޗެކްކުރި އިރު ޕޮޒިޓިވްވި އެ މީހާ އަކީ މިއިން ދުވަހަކު ގައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

އުމުރުން 37 އަހަރުގެ އެ މީހާއާ، ވޭތުވެދިޔަ ދެ ހަފުތާ ތެރޭ ބައްދަލުވި އެންމެން ދެނެގަނެވި އެ މީހުން އައިސޮލޭޓްވުމަށް މިހާރު ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި އެ މީހާ މަސައްކަތް ކުރި ތިން ތަނެއްގެ މުވައްޒަފުންނާއި އޭނާގެ މައްޗަށް ހުކުމްކުރި ކޯޓުގެ އޮފިޝަލުން ހިމެނެ އެވެ.

"މިވީ ގޮތެއް ވަރަށް ރަނގަޅަށް ބަލާނަން،" ތައިލެންޑުގެ އެޕިޑެމިއޮލޮޖީ ޑިޕާޓްމަންޓުގެ ވެރިޔާ ވަލައިލަކް ޗައިފޫ ވިދާޅުވި އެވެ.

ތައިލެންޑުން ވަރަށް ކުރިއްސުރެ ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކޮށްފަ އެވެ. އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 3،427 މީހުންނެވެ. ތައިލެންޑުން 58 މީހުން މަރުވި އިރު އެކްޓިވްސް ކޭސްގެ އަދަދަކީ މިހާރު 96 އެވެ. އޭގެ ތެރޭން ސީރިއަސް ހާލަތުގައި އޮތީ އެންމެ މީހެކެވެ. މިދިޔަ މެއި މަހަށް ފަހު ތައިލެންޑުން މުޅިން ވެސް ޕޮޒިޓިވްވެފައި ވަނީ ގައުމުން ބޭރުން އަންނަ މީހުންގެ ތެރޭން ކަރަންޓީން ކުރާ މީހުން އެކަންޏެވެ.