04 ސެޕްޓެމްބަރ 2020 - 09:36

ޓޯކިޔޯ (ސެޕްޓެމްބަރު 4) - ޗައިނާ ކަނޑުގައި ބާރުގަދަ ތޫފާނެއްގައި ޖެހި، 40 އަށް ވުރެ ގިނަ ފަޅުވެރިންނާއި 6،000 ގެރިއާ އެކު ކާގޯ ބޯޓެއް ފެތިއްޖެ އެވެ.

ޖަޕާނުގެ ކޯސްޓްގާޑުން ރޭ ވަނީ ކަނޑުމަތިން ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ. ލައިފްޖެކެޓް އަޅައިގެން އޮތް ފަޅުވެރިޔާ ފެނުނީ އޮޔާ ގެންދަނިކޮށެވެ. އިތުރު ފަޅުވެރިން ހޯދަން ކުރާ މަސައްކަތުގައި އަދި ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.

ތޫފާން މޭސަކްގައި ގަލްފް ލައިވްސްޓޮކް 1 ޖެހުނީ އިރުމަތީ ޗައިނާ ކަނޑުންނެވެ. ތޫފާނުގައި ޖެހުމާ އެކު ބޯޓުން ވަނީ ހާލުގައި ޖެހުނުކަމުގެ ސިގްނަލް ފޮނުވައިފަ އެވެ.
ކާގޯ ބޯޓުގައި ތިބީ ފިލިޕީންސްގެ 39 މީހުންނާއި ނިއު ޒީލެންޑުގެ ދެ މީހުން އަދި އޮސްޓްރޭލިއާގެ ވެސް ދެ މީހުންނެވެ.
ސަލާމަތްކުރި ފިލިޕީންސްގެ ފަޅުވެރިޔާއާ ހަވާލާދީ ޖަޕާނުގެ ކޯސްޓްގާޑުން ބުނެފައި ވަނީ ތޫފާނުގެ ބިޔަ ރާޅުތަކުގައި ޖެހި ބޯޓު ފެތުމުގެ ކުރިން އޭގެ އިންޖީނު ވެސް ހުއްޓުނު ކަމަށެވެ. އުމުރުން 45 އަހަރުގެ ޗީފް އޮފިސަރު ބުނީ ހުރިހާ ފަޅުވެރިން ވެސް ލައިފްޖެކެޓް އަޅައިގެން ތިބުމަށް ކެޕްޓަން އެންގި ކަމަށެވެ. އަދި ބޯޓު ސަލާމަތް ނުވާނެހެން ހީވުމުން އޭނާ ކަނޑަށް ފުންމާލީ ކަމަށް ބުންޏެވެ. ސަލާމަތް ކުރުމާ ހަމައަށް އިތުރު އެއްވެސް ފަޅުވެރިއަކު ނުފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ގަލްފް ލައިވްސްޓޮކް 1 ނިއު ޒީލެންޑުން އޮގަސްޓް 14 ގައި ފުރީ ޗައިނާ އަށް ދިއުމަށެވެ. ނިއު ޒީލެންޑުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ދަތުރަށް ހޭދަވާނެ ކަމަށް ލަފާކޮށްފައި ވަނީ 17 ދުވަސް ކަމަށެވެ. ދިގު މިނުގައި 139 މީޓަރު (450 ފޫޓު) ހުންނަ ގަލްފް ލައިވްސްޓޮކް 1 ބަނދެފައި ވަނީ 2002 ވަނަ އަހަރު އެވެ. އެ ބޯޓު ދަތުރު ކުރަނީ ޕެނަމާގެ ދިދައިގެ ދަށުންނެވެ.
އީސްޓް ޗައިނާ ކަނޑުން ދަތުރު ކުރަމުން ދިޔަ ތޫފާން ބުރާސްފަތި ދުވަހު ވަނީ ސައުތު ކޮރެއާގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ބުސާން އަށް އަރައިފަ އެވެ. އޭރު ތޫފާނުގައި ވައި ޖެހެމުން ދިޔައީ ގަޑިއަކު 140 ކިލޯމީޓަރު (87 މޭލު) ގެ ބާރު މިނުގަ އެވެ. ތޫފާނުގައި އެ ސިޓީން ދެ މީހުން މަރުވި ކަމަށްވެ އެވެ. ބުސާންގެ އެއާޕޯޓް ބަންދުކޮށް ފެރީގެ ޚިދުމަތް ވެސް ވަނީ ހުއްޓާލައިފަ އެވެ.