03 ސެޕްޓެމްބަރ 2020 - 21:52

ރަޝިއާއިން ރާއްޖެ އަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު މިދިޔަ މާޗު މަހު ބަންދުކުރުމުން ރަޝިއާ އިން ވަނީ ރާއްޖޭގެ ދަތުރުތައް ހުއްޓާލައިފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ ދަތުރުތައް އަލުން ފަށަން ނިންމައިފަ އެވެ.
ރަޝިއާ ސަރުކާރުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިތުރުން މިސްރާއި ދުބާއީ އަށް ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ. އެގޮތުން، މިސްރުގެ ގާހިރާ އަށް ހަފުތާއަކު ތިން ފްލައިޓު ބާއްވާއިރު ރާއްޖެ އާއި ދުބާއީ އަށް ހަފުތާއަކު ދެ ފްލައިޓު އޮޕަރޭޓުކުރާނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރިތާ ހަތަރު މަހެއްހާ ދުވަސް ފަހުން އަލުން ހުޅުވާލީ ޖުލައި 15 ގަ އެެވެ. އެ ދުވަހުން ފެށިގެން ފާއިތުވި ދޮޅު މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 9،329 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ރަޝިއާ ވެސް ހިމެނެ އެވެ.
އެ ގައުމަކީ ރާއްޖެ އަށް މުހިންމު މާކެޓަށްވާއިރު، ފްލައިޓުތައް އަލުން ފެށުމުގެ ސަބަބުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. މިދިޔަ މަހު އެކަނި ވެސް އެ ގައުމުން 423 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަންނަން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ރާއްޖެއަކީ ކޮވިޑް-19ގެ މި ހާލަތުގަައި ވެސް ރައްކާތެރި މަންޒިލެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން ކޮންމެ ޓޫރިސްޓެއްގެ ވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި އަންނަ މަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.