ވިދުޔަތުގެ "ޚުދާ ހާފިޒް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި
ވިދުޔަތުގެ "ޚުދާ ހާފިޒް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި

މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކޮށް ބެލުންތެރިންނާއި ކްރިޓިކުންނަށް ކަމުދިޔަ ފިލްމު "ޚުދާ ހާފިޒް" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

ފިލްމަށް ލިބުނު ބޮޑު ތަރުހީބާ އެކު މީގެ ދެވަނަ ބައެއް ހަދަން ނިންމިކަން އިއުލާންކޮށް، ޕްރޮޑިއުސަރުން ކަމަށްވާ ކުމާރު މަންގަތު އާއި އޭނާގެ ދަރިފުޅު އަބީޝެކް ޕަތަކް ބުނީ "ޚުދާ ހާފިޒް" ގެ ދެވަނަ ބައިގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

ދެވަނަ ބައިގައި ވެސް މުހިއްމު ރޯލްތައް ކުޅޭނީ ފުރަތަމަ ބައިގެ ލީޑް ރޯލް ކުޅުނު ވިދުޔަތު ޖަމްވަލާއި ޝިވަލީކާ އޮބެރޯއީ އެވެ. ފާރޫގް ކަބީރް ޑައިރެކްޓްކުރި "ޚުދާ ހާފިޒް" ގައި ކިޔައިދެނީ ބީރައްޓެހި ގައުމެއްގައި މީހުން ޓްރެފިކް ކުރާ ބަޔަކު އަންހެނުން ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ފިރިއަކު ވާ ގުރުބާނީ އެވެ. މި ފިލްމަކީ ބޮލީވުޑްގެ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިން ބަލައިގެންފައިވާ ވިދުޔަތުގެ، ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެކްޝަން މަންޒަރުތަކެއް ފެނުނު ފިލްމެކެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ޚުދާ ހާފިޒް" ގެ ކާސްޓްގައި އައްނޫ ކަޕޫރާއި އަހާނާ ކުމްރާ އާއި ޝިވް ޕަންޑިތު ވެސް ހިމެނެ އެވެ.

މިދިޔަ މަހުގެ 14 ގައި ޕްރިމިއާކުރި ފިލްމަށް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. އެގޮތުން "ޚުދާ ހާފިޒް" އަކީ ވަރަށް ޝައުގުވެރި ފިލްމެއްގެ އިތުރުން ހުރިހާ ތަރިންގެ އެކްޓިން ވެސް މޮޅު ކަމަށް ފާހަގަކޮށްފައިވެ އެވެ. ފިލްމު ކްރިޓިކް ތަރަން އަދާޝް ސިފަކޮށްފައިވާ ގޮތުގައި މި ފިލްމަކީ މިހާތަނަށް ވިދުޔަތުގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެވެ. އޭނާގެ ރިވިއުގައި ފިލްމަށް ފަހެކުން ތިނެއް ބައިގެ ރޭޓިންއެއް ވެސް ދިނެވެ.

"ޚުދާ ހާފިޒް" ގެ ސީކްއެލްއެއް ހަދަން ނިންމި އިރު، ޒުވާން ވިދުޔަތުގެ އަތުގައި މިހާރު ވެސް ފްރެންޗައިޒެއް އެބައޮތެވެ. އެއީ "ކޮމާންޑޯ" އެވެ. އެ ސީރީޒްގެ ތިން ވަނަ ފިލްމު ގެނެސްދިނީ މިދިޔަ އަހަރު އެވެ.