03 ސެޕްޓެމްބަރ 2020 - 13:49

ވޮޝިންޓަން (ސެޕްޓެމްބަރު 3) - އަންނަ ނޮވެމްބަރު މަހު 1 ވަނަ ދުވަހު އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމަކަށް ސްޓޭޓްތަކުން ތައްޔާރުވުމަށް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އަންގައިފި އެވެ.
އެމެރިކާގެ 50 ސްޓޭޓަށް އޮގަސްޓް 27 ގައި ސީޑީސީން އަންގާފައިވާ ގޮތުގައި ނޮވެމްބަރު 1 ގައި ދެ ވެކްސިނެއް ދޭނެ އެވެ. ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ވެކްސިން ދިނުމުގައި އިސްކަން ދޭނީ ސިއްހީ ދާއިރާގެ މީހުންނާއި ވައިރަހަށް ހައި ރިސްކް ގްރޫޕުގެ ގޮތުގައި ބެލެވޭ 65 އަހަރުން މަތީގެ މީހުންނަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވާ ނޮވެމްބަރު 3 ވަނަ ދުވަހުގެ ކުރިން ކޮވިޑް-19 ގެ ވެކްސިން ނެރުމަށް މަސައްކަތް ކުރައްވަމުންނެވެ. ޔޫއެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަށް ވަނީ ވެކްސިން އަށް ހުއްދަ ދިނުމަށް ސިޔާސީ ގޮތުން ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެމެރިކާގެ އެކި ކުންފުނިތަކުން މިހާރު ގެންދަނީ ކޮރޯނާވައިރަހުގެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންދަމުންނެވެ. ވެކްސިންގެ ތިން ވަނަ ފޭހުގައި ގިނަ ބަޔަކަށް ވެކްސިން ދީގެން ޓެސްޓް ކުރާނެ އެވެ. ތަޖްރިބާކާރުން ބުނަނީ ތިން ވަނަ ފޭހުގެ ނަތީޖާ ފެންނަން މަސްތަކެއް ނަގާނެ ކަމަށެވެ. ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ގެންދަވަނީ އަވަސް އަރުވާލައިގެން ވެކްސިން ނުނެރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ޓަރަޔަލްތަކުގެ ކުރިން ވެކްސިނެއް ނެރެވޭނީ އޭގެ ނަތީޖާ ވަރަށް ބޮޑަށް ކާމިޔާބު ނަމަ އެކަނި ކަމަށެވެ.