އެގްޒެކިއުޓާސް އިން 10 ވެންޓިލޭޓަރު ފޮނުވައިފި
އެގްޒެކިއުޓާސް އިން 10 ވެންޓިލޭޓަރު ފޮނުވައިފި

ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވެގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ އަށް އިއްޔެ ފޮނުވައިފި އެވެ.

މި 10 ވެންޓިލޭޓަރު ފޮނުވީ ހެލްތު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ރާއްޖެ ފޮނުވި، ފަރުވާ އަށް ކަމުނުދާ ވެންޓިލޭޓަރުތަކުގެ ބަދަލުގަ އެވެ. ކުރިން ފޮނުވީ ހެލްތު މިނިސްޓްރީން ހުށަހެޅި ސްޕެސިފިކޭޝަނަށް ނުފެތޭ 10 ވެންޓިލޭޓަރެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ނިންމީ ފަރުވާ އަށް އެ ބޭނުން ނުކުރުމަށެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ ވެންޓިލޭޓަރުތައް އެގްޒެކިއުޓާސްއިން ފޮނުވައި ވެލާނާ އެއާޕޯޓުގައި ހުރި ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. ޕޯޓަބަލް އެ 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން އެދުނު ސްޕެސިފިކޭޝަނަށް ފެތޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

ތަސްލީމާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހެލްތު މިނިސްޓްރީން ފޮނުވި ސްޕެސިފިކޭޝަނާ އެއްގޮތަށް އެގްޒެކިއުޓާސްއިން ފޮނުވި ފޮޓޯ އާއި މައުލޫމާތުތަކާ ދިމާނުވާ ވެންޓިލޭޓަރުތަކަކަށް ވާ ނަމަ ދެން ވެސް އެއާ ހަވާލުނުވާނެ ކަން ލިއުމުން އޮންނާނީ އަންގައިފަ އެވެ.

އެއްބަސްވުމުގެ ދަށުން އެގްޒެކިއުޓާސް އިން އައިސީޔޫ 65 ވެންޓިލޭޓަރު އަދި ރާއްޖެ އަށް ފޮނުވަން ޖެހެ އެވެ. މިތަކެތި ފޮނުވާނެ ދުވަހެއް އެ ކުންފުނިން އަދި ހެލްތު މިނިސްޓްރީ އަށް އަންގާފައި ނުވާ ކަމަށް މިދިޔަ ހަފުތާގައި އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ނުލިބި ލަސްވަމުންދާ މައްސަލައިގައި އެގްޒެކިއުޓާސްގެ ވެރިޔާ ޑރ. އަލީ އަލް ތަހްމަތީ އަށް "މިހާރު"ން ގުޅުމުން ވިދާޅުވެފައި ވަނީ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ހުއްދައެއް ނެތް ކަމަށާއި އެމައުލޫމާތު ހޯދަން ޖެހޭނީ ރާއްޖޭގެ ހެލްތު މިނިސްޓްރީން ކަމަށެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް ވާތީ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލަފާ ދެއްވައިފަ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓުގައި ތުހުމަތު ކުރުމުން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގު ހިނގަނިކޮށް، އަމިއްލަ އަށް މަސްއޫލިއްޔަތުން އެކަހަރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ.

ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.