03 ސެޕްޓެމްބަރ 2020 - 12:32

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އެ ސަރަހައްދުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ނުހުޅުވާގޮތަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކޮވިޑްގެ ބަލި އޮތް ހާލަތަށް ބަލައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އެ ސަރަހައްދުގެ ސްކޫލުތައް މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ހާލަތަށް އަންނަ ބަދަލުތަކަށްފަހު، ދެ ހަފުތާ ފަހުން އެ ނިންމުން މުރާޖައާކުރާނެ ކަމަށް ބުންޏެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އެކަމަކު، ކޮވިޑުގެ ކޭސްތައް އަލުން އިތުރުވާން ފެށުމާ އެކު، މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް މިދިޔަ މަހުގެ 9 އިން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް، މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1-12 އާ ހަމައަށް ކިޔަވައިދެ އެވެ.
ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް ނެތް ކަމަށް އެޗްޕީއޭ އިން ކުރިން ބުންޏަސް ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެ ބަލީގައި މަރުވާ މީހުންގެ ރޭޓް މަތިވެފައި ވެ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 8،000 އިން މައްޗަށް އެރިއިރު 29 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.