ކަރަންޓީނާ ހިލާފުވި މީހަކު 2،500ރ. އިން ޖޫރިމަނާކޮށްފި
ކަރަންޓީނާ ހިލާފުވި މީހަކު 2،500ރ. އިން ޖޫރިމަނާކޮށްފި

ކ. ގުރައިދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު، ކަރަންޓީނާ ހިލާފުވުމުން 2،500ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ޖޫރިމަނާކުރީ 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިއީ "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނުކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު" އަށް މިދިޔަ އާދިއްތަ ދުވަހު އިސްލާހުކުރުމަށް ފަހު ޖޫރިމަނާކުރި ފުރަތަމަ މީހާ އެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކުރުމަށް އެއްބާރުލުން ނުދިނުމާއި އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ހުރަސްއަޅައިފި ނަމަ އެކަން ކުރި މީހަކު އަމުރާ ހިލާފުވާ ފުރަތަމަ ފަހަރު 2,500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި އަމުރާ ހިލާފުވާ ދެވަނަ ފަހަރު 3,500ރ. ޖޫރިމަނާކޮށް އަދި އޭގެ ފަހުން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5،000ރ. އިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ، 5،000ރ. ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ކަރަންޓީނާ ހިލާފުވާ މީހުން މީގެ ކުރިން ޖޫރިމަނާކުރަމުން ދިޔައީ 1،000ރ. އިންނެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި އެ ބަލި ޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުން އެކަހެރި ކުރެ އެވެ. އަދި މާލެއިން ރަށްރަށަށް ދާ މީހުން، ރަށަށް ދިއުމަށް ފަހު 14 ދުވަހު ކަރަންޓީނުގައި ތިބެންޖެހެ އެވެ.

ކޮވިޑް ފެތުރޭތީ އެޅި ރައްކާތެރިކަމުގެ ފިިޔަވަޅުތަކަށް ލުއި ދިނުމުން މި ބަލި ފެތުރޭ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މާލެ ފިޔަވައި 40 ރަށެއްގައި ކޮވިޑް ބަލީގެ މީހުން މިހާރު އެބަ ތިއްބެވެ. ރަށްރަށުގައި ތިބި މި ބަލީގެ އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މީގެ ތެރޭގައި ކޭސްތައް ފެނުނު 16 ރިސޯޓެއް ވެސް ހިމެނެ އެވެ. މިހާތަނަށް 8،140 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 5،338 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހިގެން 29 މީހަކު މަރުވެފައި ވެ އެވެ.