03 ސެޕްޓެމްބަރ 2020 - 12:21

ގޭގައި ތިބެގެން އާމްދަނީ ހޯދަން ކާތަކެތި ހަދައިގެން ވިއްކުމުގެ މަސައްކަތް ޕޯޓަލްގައި ރަޖިސްޓްރީކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގުމުން ދިމާވި އުނދަގޫތަކާ ހެދި މައްސަލަ ހޫނުވުމުން، ކުރިއެކޭ އެއްގޮތަށް، ރަޖިސްޓްރީނުކޮށް ވިޔަފާރި ކުރިއަށް ގެންދަން ހުއްދަ ދީފި އެވެ.
އެ އެޖެންސީން މިދިޔަ ހޯމަދުވަހު ކުރި އިއުލާނަކުން ވަނީ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނުނަގައި ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތައް ހުއްޓުވައިފަ އެވެ. އެޗްޕީއޭގެ ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަ ނުލިބެނީސް ކާބޯތަކެތީގެ ހިދުމަތްދޭ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. މިއީ، ކޮވިޑުގެ ދަތި ހާލަތުން އަރައިގަތުމަށް ގޭގައި ތިބެ އާމްދަނީ ހޯދަން ބުރަ މަސައްކަތް ކުރަމުން އަންނަ މީހުންނަށް ކުރިމަތިކުރި ވަރަށް ބޮޑު ތަކުލީފަކަށް ވާތީ ގިނަ ބަޔަކު ހިތްހަމަނުޖެހުންފާޅުކުރި އެވެ.
މި ޝަކުވާތައް ބޮޑުވުމުން، އިކޮނޮމިކް މިނިސްޓްރީން ވަނީ ގޭގައި ކާބޯތަކެތި ހަދައި ވިއްކާ މީހުން ރަޖިސްޓްރީވާން ލާޒިމް ނޫން ކަމަށް ބުނެ އެ މިނިސްޓްރީން ދެކޭ ގޮތް ނޫސްބަޔާނަކުން ރޭ އާއްމުކޮށްފަ އެވެ.
ގޭގައި ކުރާ މަސައްކަތް ބެލޭނެ ގޮތެއް ނުވަތަ ގޭގެއަށް ގޮސް ޗެކްކުރުމުގެ ހުއްދަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އަށް އޮތް ބާރެއް ނޫނެވެ. އެކަމަކު ކޮވިޑުގެ ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާ ހާލަތުގައި ސިއްހީ ވަކި މިންގަނޑެއް އޮންނަން ޖެހޭ ކަމަށް އެޗްޕީއޭ އިން ދެކެ އެވެ.
އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު "މިހާރު" އަށް މިއަދު ވިދާޅުވީ ހޯމް ބޭސްޑް ނުވަތަ އާމްދަނީ ހޯދަން އުފައްދާ ތަކެތި ވިއްކާއިރު އެ އޮތޯރިޓީގެ ޕޯޓަލްގައި މިހާރު ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ. ކުރިއެކޭ އެއްގޮތަށް އެކަން ދޫކޮށްލާފައި އޮތަސް ކަމާބެހޭ އިދާރާތައް ގުޅިގެން ގައިޑްލައިނެއް އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަކި އުސޫލެއް އޮންނަން ޖެހެއޭ، ސިއްހީ މިންގަނޑުތަކެއް އޮންނަން ޖެހެއޭ މިފަދަ މަސައްކަތް ކުރުމަށް. މި މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި މިގޮތަށް ކާބޯތަކެތި ވިއްކުމާ ގުޅޭ ގައިޑްލައިން އެކުލަވާލަމުން އަންނަނީ އެޗްޕީއޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެންނެވެ.
ނާސިރު ވިދާޅުވި ގޮތުގައި އެ ގައިޑްލައިންގައި ހިމަނާނީ ގެއަކުން ކާބޯތަކެތި ވިއްކާއިރު، ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑެވެ. ފަރުދީ ގޮތުން ކާބޯތަކެތީގެ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ އުސޫލެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނަށް ނެރެފައިވާ ގައިޑްލައިންގައި މި އޮންނަނީ މާސްކް އެޅުމާއި ގައިދުރުކުރުމާއި އެ ނޫން ސާފުތާހިރު ކަމުގެ މިންގަނޑުތަކެއް ހަދާފައި. އާއްމުން ދިރިއުޅޭ ގެތަކުގައި ކާބޯތަކެތި ހަދައި ވިއްކުމާ ބެހޭ ގައިޑްލައިންގައި ހިމަނާނީ ކޮވިޑާ ގުޅިގެން ސާފުތާހިރުކަމުގެ މިންގަނޑުތައް ބަހައްޓަންވީ ގޮތާއި ޑެލިވަރީ ކުރުމާއި އަންނަ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް،" ނާސިރު ވިދާޅުވި އެވެ.
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ އިސްތިސްނާވެގެންވާ ވިޔަފާރި އެވެ. އެގޮތުން އަމިއްލަ ދިިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއް ތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫން ވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެވެ.
އަމިއްލަ ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބަލަނީ، ވަޒީފާގައި މީހުން ގެންގުޅުމަކާ ނުލައި ތިމާ އަމިއްލައަށް ކުރާ މަސައްކަތްތަކަށެވެ.
އެޗްޕީއޭ އިން ޔަގީންކަން ދޭ ގޮތުގައި، ގޭގައި އުފައްދާ ކާބޯތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތުގެ މިންގަނޑެއް އެކުލަވާލީ ތަކުލީފުތަކެއް އުފުލަން ނުޖެހޭ ގޮތަށެވެ.