03 ސެޕްޓެމްބަރ 2020 - 11:18

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނުތަކަށް ދީފައިވާ މޮރިޓޯރިއަމް މުއްދަތު ހަމަވުމާ ގުޅިގެން މި މަހުން ފެށިގެން ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން އެޗްޑިއެފްސީން ވަނީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ހަ މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއްދީފަ އެވެ. މި މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް އިތުރު މުއްދަތެއް ނުދޭން ނިންމައި މިދިޔަ މަހު އެ ކުންފުނިން ވަނީ އެކަން އިއުލާން ކޮށްފަ އެވެ.
އެޗްޑީއެފްސީއަކީ ގެދޮރުު ހެދުމަށާއި ގެދޮރު ގަތުމަށް ލޯނު ދޫކުރަން ސަރުކާރުން 2004 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ގިނަ ބަޔަކު ވަނީ ލޯނުތައް ނަގައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް އަސަރު ކުރުމުގެ ސަބަބުން ބޭންކުތަކުންނާއި ފައިނޭންސިން ހިދުމަތް ދޭ ތަންތަނުން ވަނީ ލޯނުތައް ދެއްކުމަށް ހަ މަސް ދުވަހުގެ މޮރިޓޯރިއަމް މުއްދަތެއް ދީފަ އެވެ. މީގެ ތެރެއިން ބީއެމްއެލް އާއި އެސްއެމްއީ ބޭންކުން މިހާރު އެ މުއްދަތު އިތުރުކޮށްފަ އެވެ.