ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭނެ އަމުރެއް ޓްރަމްޕް ނެރުއްވައިފި
ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭނެ އަމުރެއް ޓްރަމްޕް ނެރުއްވައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 3) - ކޮރޯނާވައިރަހުގެ ސަބަބުން ކުލި ނުދެއްކި ހާލުގައި ޖެހި، ގެއިން ބޭރުކޮށްލަފާނެކަމުގެ ބިރުބޮޑުވެފައިވާ އެމެރިކާގެ ރައްޔިތުން މި އަހަރު ނިމުމުގެ ކުރިން ގެއިން ބޭރުކޮށް ނުލެވޭނެކަމުގެ އަމުރެއް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވައިފި އެވެ.

ޓްރަމްޕުގެ އަމުރާ އެކު ވަނީ ކުލި ނުދެއްކޭ މީހުން މި އަހަރުގެ ނިޔަލަށް ގެދޮރުން ބޭރުކޮށްނުލެވޭނެކަމުގެ ޔަގީންކަން އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ލިބިފަ އެވެ. ކުލި ނުދައްކާ މީހުން މަގުމަތި ވެއްޖެ ނަމަ އެ މީހުންގެ ފަރާތުން ކޮރޯނާވައިރަސް އިތުރަށް ފެތުުރުމުގެ ބިރުބޮޑެވެ.

އޮފިޝަލުން ލަފާކުރާ ގޮތުގައި ކުލި ނުދެއްކުމުގެ ސަބަބުން އެމެރިކާގެ 40 މިލިއަން މީހުން ގެއިން ބޭރުކޮށްލުމުގެ ބިރު ބޮޑެވެ.

"ކޮރޯނާވައިރަހުގެ ސަބަބުން ކުލި ނުދެއްކޭ މީހުން ގެއިން ބޭރުކޮށްލަފާނެ ކަމުގެ ބިރެއް މިހާރަކު ނެތް. އަދި އެ މީހުން ބޭރުކޮށްލައިފި ނަމަ ވައިރަހަށް ހުށަހެޅިގެން އުޅެންޖެހިދާނެކަމުގެ ކަންބޮޑުވުމެއް ވެސް ނެތް،" ވައިޓް ހައުސްގެ ތަރުޖަމާން ބްރަޔަން މޯގެންސްޓާން ވިދާޅުވި އެވެ.

ގެއިން ނުނެރުމުގެ އަމުރަށް ކޮލިފައިވާން، ކުއްޔަށް އުޅޭ މީހުންގެ ވެސް ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެ އެވެ. އޭގެ ތެރޭގައި ކުލި ނުދައްކައިގެން ނެރެފި ނަމަ މަގުމަތިވާނެކަން ސާބިތުކޮށްދިނުމާއި ގެއިން ބޭރުކޮށްލައިފި ނަމަ ގިނަ ބަޔަކާ އެކު ދިރިއުޅެން ޖެހިދާނެކަން ވެސް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މާލީ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން ކުލި ނުދެއްކުނަސް ގެއިން ބޭރު ކޮށްނުލެވޭނެ އަމުރެއް ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޯ ކޫމޯ ވެސް ކުރިން ވަނީ ނެރުއްވައިފަ އެވެ.

އެމެރިކާގައި ވަނީ 6,290,737 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 189,964 މީހުން މަރުވެފަ އެވެ.