03 ސެޕްޓެމްބަރ 2020 - 11:30

ޖެނީވާ (ސެޕްޓެމްބަރު 3) - ކޮވިޑް-19 އަށް އުފައްދާ ވެކްސިން ހަމަހަމަ ގޮތުގައި ހުރިހާ ގައުމަކަށް ވެސް ލިބޭނެ ގޮތް ފަހިކޮށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން އެކުލަވާލި ކޯލިޝަނުގައި ބައިވެރި ނުވާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނެސް އިނޮވޭޝަންސް (ސީއީޕީއައި) އިން ގެންދަނީ އެންމެންނަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރަން އުފައްދާފައިވާ ކޮވެކްސް އަށް އެއްބާރުލުން ދެމުންނެވެ. ކޮވެކްސް އިން މަސައްކަތް ކުރަނީ ކޮރޯނާވައިރަހުގެ ވެކްސިންގެ ދެ ބިލިއަން ޑޯޒް ހަމަހަމަކަމާ އެކު ހުރިހާ ގައުމަކަށް ވެސް ބެހުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާ އިން ބުނެފައި ވަނީ 172 ގައުމު ހިމެނޭ ވެކްސިން ކޯލިޝަނުގައި ބައިވެރި ނުވަނީ އެކަމުގައި ޑަބްލިއުއެޗްއޯ އުޅޭތީ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ޗައިނާ ކޮޅަށް ޖެހިފައިވާ ކަމަށް ބުނެ އެމެރިކާ އިން ވަނީ އެ ޖަމާއަތުން ވަކިވެފަ އެވެ.
ސީއީޕީއައިގެ އިސްވެރިޔާ ރިޗަޑް ހަޗެޓް ވިދާޅުވީ އެމެރިކާ އާއި މުއްސަނދި އެހެން ގައުމުތަކުން ކޮރޯނާވައިރަހުގެ ވެކްސިން އެ މީހުން އަމިއްލަ އަށް ރިޒާވް ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ދުނިޔޭގެ ލީޑަރުން އެއްބަސްވުމަކަށް އަންނަން އަޅުގަނޑުމެން ބޭނުން ވަނީ ވެކްސިނެއް ލިބިއްޖެ ނަމަ، ދުނިޔޭގެ އެންމެންނަށް ހިއްސާވެވޭނެ ގޮތެއް ހޯދުން. އެކަމަކު މަދު ގައުމުތަކަކުން ނަމަވެސް އުޅެނީ އަންނަ އަހަރު ކުރީކޮޅު ލިބޭ ހުރިހާ ވެކްސިނެއް އެ ގައުމުތަކަށް ނަގަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާ ސަރުކާރުން މިހާރު ވެސް ވަނީ ވެކްސިން އުފައްދާ ހަ ކުންފުންޏަކުން 800 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުން ހަދައިފަ އެވެ.