ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އޮފިޝަލުންނަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އޮފިޝަލުންނަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 3) - ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) ގެ ސީނިއާ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާ އިން ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ފާތޫ ބަންސޫދާ ވެސް ހިމެނެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އައިސީސީން ގެންދަނީ އެ ކޯޓުގެ އިހްތިސާސުން ބޭރުން އެމެރިކާ މީހުން ކުށްވެރި ކުރަން މަސައްކަތް ކުރަމުން ކަމަށެވެ. ދަ ހޭގުގައި ހުންނަ ކޯޓުން މިހާރު ބަލަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވޭތޯ ބެލުން ހިމެނެ އެވެ. އައިސީސީ އުފެދުނީއްސުރެ އެމެރިކާ އިން ދަނީ އެ ކޯޓަށް ފާޑު ކިޔަމުންނެވެ. އެމެރިކާ އަކީ އައިސީސީގައި ސޮއިކޮށްފައިވާ ގައުމެއް ވެސް ނޫނެވެ. ނަމަވެސް އަފްޣާނިސްތާނަކީ އައިސީސީގެ މެންބަރެކެވެ.

އައިސީސީގެ އޮފިޝަލުން އެމެރިކާ އަށް އެތެރެވުން މަނާކުރުމާއި އެމެރިކާގައި އެ މީހުންގެ މުދަލެއްވާ ނަމަ ހިފެހެއްޓުމުގެ އަމުރެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫން މަހު ވަނީ ސޮއި ކުރައްވައިފަ އެވެ.

އދ.ގެ މުއާހަދާއަކުން 2002 ވަނަ އަހަރު އުފެއްދި ކޯޓުން ބަލަމުން ގެންދާނީ ގައުމީ ލެވެލެއްގައި ނުބެލޭ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ގަތުލްއާއްމާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް އަދި ހަނގުރާމައިގެ ޖަރީމާތަކެވެ. އައިސީސީ އުފެއްދުމަށް އދ. އިން ފާސްކުރި މުއާހަދާގައި 123 ގައުމުން ވަނީ ސޮއިކޮށްފަ އެވެ. އެ މުއާހަދާގައި ސޮއި ނުކުރާ ގައުމުތަކުގެ ތެެރޭގައި އެމެރިކާގެ އިތުރުން އިންޑިއާ، ޗައިނާ އަދި ރަޝިޔާ ހިމެނެ އެވެ.