02 ސެޕްޓެމްބަރ 2020 - 19:46

އަތޮޅުތަކުގެ ގެސްޓްހައުސްތައް އަންނަ މަހުގެ 15ގައި ހުޅުވި ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މި ސަރަހައްދުގެ ގެސްޓްހައުސްތަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުން ކަމަށެވެ. ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުގެ ގެސްޓު ހައުސްތައް އެ ތާރީހުގައި ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް 15 އޮކްޓޯބަރުގެ ފަހުން ވެސް ބޭނުން ކުރަން ޖެހޭނީ މިހާރު ވެސް ބޭނުން ކުރަމުން އަންނަ ގޮތަށް ޓްރާންސިޓް ސްޓޭގެ ގޮތުގަ އެވެ.
"ކަންތައްތައް ރަނގަޅަށް ދަންޏާ މިހާރު ހުރި ގައިޑްލައިންތަކަށް ދޫ ދިނުން ވެސް އެބައޮތް. ކަންތައްތައް ގޯހަށް ދަންޏާ މިއަށްވުރެ ވާން ކުރަން ވެސް ޖެހިދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ގެސްޓުހައުސްތައް ކުރިއަރުވައި ރާއްޖޭގެ މިއޮތް މައި އިގްތިސާދުގެ ބައި ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގެސްޓް ހައުސްތައް ހުޅުވޭނީ އެ ރަށެއްގެ ކައުންސިލުން ހުއްދަ ދީ އެކަން ލިޔުމުން މިނިސްޓްރީއަށް އެންގުމުންނެވެ. އޭގެ ފަހުން ކަންކަން ފުރިހަމަ ކުރުމަށް "ކޮންޑިޝަނަލް" ޕާމިޓެއް މިނިސްޓްރީން އެ ގެސްޓްހައުސަކަށް ދޭނެ އެވެ.
ކޮންމެ ގެސްޓްހައުސްއަކުން ވެސް އެ ތަނަކުން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިވޔަވަޅުތަކާއި އަޅާނެ ފިޔަވަޅުތައް އެނގޭ ގޮތަށް ގައިޑްލައިނެއް އެކުލަވާލައި އެ ގައިޑްލައިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.
- ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރިތޯ ބެލުން.
- ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތް ކަން ޔަގީން ކުރުން.
- ޓޫރިސްޓަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީއަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުން.
- އެ ރަށެއްގެ ހެލްތު ސެންޓާ ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19އާ ގުޅިގެން ތައްޔާރަށްތޯ ޔަގީން ކުރުން.
- ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީން ކުރުން.
- ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުން.
- ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ހާމަކުރުން.
- ގެސްޓްހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީން ކުރުން.
- ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީން ކުރުން.
- ގެސްޓްހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުން.
- ހުރިހާ ސްޓާފުން ވެސް ޓްރޭސް އެކީ އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުން ކުރަން ބާރު އެޅުން.
އަލުން ގެސްޓް ހައުސްތައް ހުޅުވާލާއިރު ރަށްރަށަށް ދާ ޓޫރިސްޓުންނަށް ރަށު ތެރޭގައި މާސްކު ނާޅައި އުޅެވޭނެ އެވެ. ނަމަވެސް ބަންދުކޮށް ހުންނަ ތަންތަނަށް ގިނަ މީހުން ވަންނައިރު މާސްކު އަޅަން ޖެހޭނެ އެވެ. އަދި އެއްވެސް އާއްމު މީހެއްގެ ގެއަށް ޓޫރިސްޓުން ވަނުން މަނާ ވާނެ އެވެ.