02 ސެޕްޓެމްބަރ 2020 - 18:00

ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސްގެ ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ މިހާތަނަށް ފައިސާ ދޫކުރީ މާޗް ހަތަކުން ޖުލައި 15އާ ހަމައަށް މަސައްކަތް ކުރި ދުވަސްތަކަށް ކަމަށެވެ. މީގެ ތެރެއިން 41 މީހަކަށް ނުދެވި ހުރި 300،000ރ. މި ހަފްތާގެ ތެރޭގައި ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ. މީގެ ތެރެއިން ހައި ރިސްކުގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19އަށް ޕޮޒިޓިވް މީހަކާ ނުވަތަ ހައި ރިސްކު މީހަކާ ނުވަތަ އެ މީހެއްގެ ސާމްޕަލްތަކާ ޑައިރެކްޓް ކޮންޓެކްޓުވާ މީހުންނެވެ. އަދި ހައި ރިސްކު މީހުންނާ އެކު މަސައްކަތް ކުރަން ޖެހޭ މީހުން މީޑިއަމް ރިސްކުގައި ހިމެނޭއިރު ލޯ ރިސްކުގައި ހިމެނޭނީ ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކޮށްފައިވާ މީހުންނެވެ.
މި ކެޓަގަރީތަކަށް ފައިސާ ދިނުމުގައި ބަލާނީ މަސައްކަތް ކުރި ދުވަހުގެ އަދަދެށެވެ. އެގޮތުން ހައި ރިސްކު ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް ދުވާލަކު 500ރ. ލިބޭއިރު މީޑިއަމް ރިސްކުގައި ހިމެނޭ މީހުންނަށް ދުވާލަކު 250ރ. އަދި ލޯ ރިސްކުގައި ހިމެނޭ މީހުންނަށް ދުވާލަކު 200ރ. ލިބޭނެ އެވެ.
ފްރަންޓްލައިންގައި މަސައްކަތް ކުރި ގިނަ އަދަދެއްގެ މީހުންނަށް އެލަވެންސް ދިން ނަމަވެސް މިހާތަނަށް ފުލުހުންނާއި ސިފައިންނަށް ދޭން ޖެހޭ އެލަވެންސް އަދި ނުދެ އެވެ.
ސަރުވަޝް ވިދާޅުވީ އެ އެލަވެންސާ ގުޅިގެން ގޮތެއް ނުނިންމެނީ ކުރިން އެކުލަވާލި އުސޫލަށް ބަދަލު ގެންނަން ޖެހޭތީ ކަމަށެވެ. އަދި އެ މަސައްކަތް ވެސް އަންނަ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެންޑީއެފުން ވެސް ތައްޔާރު ކުރި އުސޫލެއް، ފުލުހުން ވެސް ތައްޔާރު ކުރި އުސޫލެއް. އެއީ މިހާރު ހެދިފަ އިން އުސޫލަށް އިތުރު ކްލެރިފިކޭޝަނެއް. އަޅުގަނޑުމެންގެ މަޝްވަރާއާ އެކީގައި މީހަރު ވާނީ އެ ރައީސް އޮފީހަށް ފޮނުވާފައި. ރައީސް އޮފީހުގެ އެންޑޯޒްމެންޓް ލިބުނީމަ އެ ސްޓާފުންގެ އެލަވެންސް ލިބިގެންދާނެ،" ސަރުވަޝް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީ އަށް ލިބިފައިވާ ތަފާސްހިސާބަށް ބަލާއިރު 3017 ސިފައިންނާއި 3246 ފުލުހަކަށް ފްރޮންޓްލައިން އެލަވެންސް ލިބޭނެ އެވެ. އެއީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ އެވެ. ނަމަވެސް އާ އުސޫލާ އެކު މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުވަޝް ވިދާޅުވި އެވެ.