މޮނިޓަރިންގެ ހާލަތުން ތިނަދޫ ނަގައިފި
މޮނިޓަރިންގެ ހާލަތުން ތިނަދޫ ނަގައިފި

ގދ. ތިނަދޫގެ ކޮންޓެކްޓް ޓްރޭސިން ނިންމައި މޮނިޓަރިންގެ ހާލަތުން އެ ރަށް މިއަދު ނަގައިފި އެވެ.

އެ ރަށާ މާލެ އާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. އުމުރުން ދުވަސްވީ މީހާއާ ޕޮޒިޓިވްވި "ދެރަހަ" ބޯޓުގެ ބިދޭސީ ފަޅުވެރިއަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ހެނދުނު 9:30 އިން ފެށިގެން މޮނިޓަރުންގެ ހާލަތު އުވާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ފުރަތަމަ ޕޮޒިޓިވްވި 68 އަހަރުގެ މީހާއާ ޑައިރެކްޓް ކޮންޓެކްޓުވެގެން ފަންސާހަކަށް މީހުން ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. އޭގެ ތެރެއިން އަށް މީހެއްގެ ސާމްޕަލް ނަގައި ތިނަދޫ ހޮސްޕިޓަލުގައި ޓެސްޓުކޮށްފައި ވެ އެވެ. ފަހުން ޕޮޒިޓިވްވީ އޭގެ ތެރެއިން މީހެކެވެ.

އަމްޖަދު ވިދާޅުވީ ކަރަންޓީނުގައި މިހާރު ތިބި މީހުންގެ ފަރާތުން ކޮވިޑުގެ އަލާމާތެއް ނުފެންނަ ކަމަށެވެ. އެ މީހުންގެ ހާލަތު ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު އޮފިސަރުން މޮނީޓާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

"ބަލީގެ އަލާމަތްތައް ފެނިއްޖެއްޔާ ސާމްޕަލް ނަގާނެ. އެކަމަކު އޭގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން އަލާމާތެއް ނުފެނޭ،" އަމްޖަދު ވިދާޅުވި އެވެ.

ފަހުން ޕޮޒިޓިވްވި މީހާ، މިދިޔަ ހޯމަ ދުވަހު ރަށަށް ދިޔަސް، ބޯޓުން ފައިބައި އާއްމުންނާ ބައްދަލުވެފައެއް ނުވެ އެވެ. އެހެންވެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ފެނިފައެއް ނުވެ އެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މޮނިޓަރިންގެ ހާލަތު ދޫކޮށްލިއަސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ގައިދުރުކަން ބަހައްޓައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

"ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވި/ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ، ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ގިނަ އަދަދެއްގެ ގެތައް ކަރަންޓީން ކުރެވިފައިވާކަން ކަމަށާއި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ދަންނަވައި މިކަން އާއްމުކޮށް އަންގާ އިއުލާނުކުރީމެވެ،" އިއުލާނުގައި ވެ އެވެ.