26 އޮކްޓޯބަރ 2016 - 15:55

ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގައި ފޮޓޯ ޖެހުމުން މުޅި ދުނިޔެއަށް "އަފްޣާން ގާލް" ގެ ނަމުގައި މަޝްހޫރުވި ޝަރުބަތު ބީބީ ޕާކިސްތާނުން މިއަދު ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީން ބީބީ ހައްޔަރުކުރީ ޕިޝާވަރުގައި އޭނާ އުޅޭ ގެއިން ކަމަށް ޕާކިސްތާނުގެ ޑޯން ނޫހުގައި ބުނެފައިވެ އެވެ. އޭނާ ހައްޔަރުކުރީ ވަގު އައިޑީ ކާޑެއް ގެންގުޅޭ މައްސަލާގައި ކަމަށާއި ފޯޖްކޮށްފައިވާ ކާޑުތަކެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.
ބީބީ އަކީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ވެސް ރަށްވެހިކަން އޮންނަ މީހެކެވެ.
ނެޝަނަލް ޖިއޮގްރަފިކްގެ ފޮޓޮގްރާފަރު ސްޓީވް މެކްކަރީ ބީބީގެ ފޮޓޯ ނެގީ 1984 ވަނަ އަހަރު، ޕިޝާވަރު ކައިރީގައި ހުރި ރެފިއުޖީ ކޭމްޕެއްގައި ހުއްޓަ އެވެ. އޭނާގެ އުމުރުން އޭރު އެންމެ 12 އަހަރެވެ.
މިހާރު އުމުރުން 44 އަހަރު ވެފައިވާ ބީބީގެ ފޮޓޯ ޖަހާފައި ވަނީ 1985 ވަނަ އަހަރުގެ ޖޫން މަހު ނެރުނު ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގަ އެވެ. ނެޝަނަލް ޖިއޮގްރަފިކުން ބީބީއާ ބެހޭ ގޮތުން ކުރު ޑޮކިއުމެންޓްރީއެއް ވެސް ހެދި އެވެ. އަފްޣާން ހަނގުރާމައިގެ މޯނާ ލީޒާގެ ގޮތުގައި ނެޝަނަލް ޖިއޮގްރަފިކުން ސިފަކުރި ބީބީ އުޅޭ ތަނެއް އޭރު ނޭނގެ އެވެ. އެކަމަކު އެ ޗެނަލުން 2002 ވަނަ އަހަރު ވަނީ އޭނާ ހޯދައި އަލުން އެ ވާހަކަ ޝައުގުވެރިކަމާ އެކު ގެނެސްދީފަ އެވެ.
ޑޯންގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ފޮޓޯ ނެގިއިރު ބީބީގެ ލޮލުން ފެންނަން ހުރި "ފުންކަން" މިހާރުވެސް ފެންނަ ކަމަށެވެ.