11 މެޗަށް ފަހު ޕެނަރޯލް ކޯޗުކަމުން ފޯލާން ވަކިކޮށްފި
11 މެޗަށް ފަހު ޕެނަރޯލް ކޯޗުކަމުން ފޯލާން ވަކިކޮށްފި

މޮންޓެވީޑޯ، އުރުގުއޭ (ސެޕްޓެމްބަރު 2) - އުރުގުއޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބް ޕެނަރޯލްގެ ކޯޗުކަމުން އެންމެ 11 މެޗަށް ފަހު ކުރީގެ މަޝްހޫރު ފޯވާޑް ޑިއޭގޯ ފޯލާން ވަކިކޮށްފި އެވެ.

އުމުރުން 40 އަހަރުގެ ފޯލާން ޕެނަރޯލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ. ފޯލާންގެ ކޯޗުކަމުގައި ޕެނަރޯލް ކުޅުނު 11 މެޗުން ހަތަރު މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕެނަރޯލަށް ފޯލާން އެންމެ ފަހުން ކޯޗުކޮށްދިނީ މިދިޔަ ހޯމަ ދުވަހު ވެންޑަރާސް އަތުން 2-0 އިން ބަލިވި މެޗުގަ އެވެ. އެ މެޗަށް ފަހު ފޯލާން ވަކިކުރިކަން އޭނާ އަށް ކްލަބްގެ މެނޭޖްމަންޓުން ވަނީ އަންގައިފަ އެވެ. ފޯލާން ބުނީ އެ ޓީމުން ވަކިކުރިޔަސް މާޔޫސްނުވާނެ ކަމަށެވެ. ފޯލާން ޔޫތު ކެރިއަރު ހޭދަކުރީ ޕެނަރޯލްގަ އެވެ. އަދި ކެރިއަރުގެ ފަހުކޮޅުގައި ވެސް ވަނީ އެއް އަހަރު ކުޅެފަ އެވެ.

"ފުޓްބޯޅައިގައި އަހަރެން މި ފަދަ ކަމެއްގެ ސަބަބުން ހިތާމައެއް ނުކުރާނަން. އެއީ މި ކަހަލަ ކޮންމެ ކަމަކީ ވެސް ތަޖުރިބާއެއް. މި ޓީމުގެ ކޯޗަކަށް އަހަރެން ހުރުމަކީ ލިބުނު ފަހުރެއްގެ ގޮތުގައި ދެކެނީ،" އުރުގުއޭ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ފޯލާން ބުންޏެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފޯލާން ފުޓްބޯޅަ ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު އެވެ. ކުޅުމުން ރިޓަޔާކުރުމަށް ފަހު ފޯލާން ކޯޗިން ކެރިއަރު ފެށުމުގެ ކުރިން ދުނިޔޭގެ އެކި މަޝްހޫރު ކޯޗުންނާ އެކު ތަޖުރިބާ ހޯދުމުގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން އޭނާ ވަނީ އުރުގުއޭ ގައުމީ ޓީމުގެ ކޯޗު އޮސްކާ ޓަބަރޭޒް ކައިރިން ގިނަ ކަންތައްތަކެއް ދަސްކޮށްފަ އެވެ.

އާޖެންޓީނާގެ އިންޑިޕެންޑިއެންޓޭ އިން ސީނިއާ ފުޓްބޯޅަ ކެރިއަރު ފަށައި ފޯލާން ވަނީ އިންގްލެންޑް، ސްޕެއިން، އިޓަލީ، ބްރެޒިލް، ޖަޕާން، އިންޑިއާ އަދި ހޮންކޮންގެ ކްލަބްތަކަށް ކުޅެފަ އެވެ. އިންޑިޕެންޑިއެންޓޭގެ އިތުރުން ފޯލާން ކުޅުނު ޓީމުތަކަކީ މެންޗެސްޓާ ޔުނައިޓެޑް، ވިޔަރެއާލް، އެތުލެޓިކޯ މެޑްރިޑް، އިންޓަނަސިއޮނާލް، ސެރޭޒޯ އޮސާކާ، މުމްބާއީ ސިޓީ އަދި ކިޗީ އެވެ.