26 އޮކްޓޯބަރ 2016 - 15:54

މެނީލާ (އޮކްޓޯބަރު 26) - ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުގެ ފައިފުއްސަކަށް ނުވާނެ ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

ޓޯކިޔޯގައި ބޭއްވި ފިލިޕީންސް އިކޮނޯމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުވީ އޭނާ މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރި ދަތުރުގައި ސަމާލުކަން ދީފައި ވަނީ ސަލާމަތީ އެއްވެސް މަކަށް ނޫން ކަމަށާއި ހަމައެކަނި ވިޔަފާރި އަށް ކަމަށެވެ. އަދި އޭނާ އަކީ ބައިނަލްއަގުވާމީ ދުނިޔޭގެ ފައިފުއްސަކަށް ހެދުމަކީ ނުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޗައިނާ އަށް ދަތުރެއް ކުރިން. އެ ދަތުރުގައި ހަތިޔާރާ ބެހޭ ވާހަކައެއް ނުދައްކަން. ސިފައިން ބޭތިއްބުމާއި އަސްކަރީ ކޯލީޝަން ހެދުމުގެ ވާހަކައެއް ނުދައްކަން. ހަމައެކަނި ދެއްކީ އިންވެސްޓްމަންޓުގެ ވާހަކަ،" ޑުޓާޓެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީން ލާޒިމްކޮށްފައި ވަނީ މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމް ކުރުން ކަމަށެވެ. އެހެންވެ އެހެން ގައުމުތަކުން ބުނާހާ ގޮތެއް ހަދައިގެން އެ ގައުމުތަކުގެ ފައިފުއްސަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަނގުރާމަ އަށް ވާހަކަ އަނބުރާ ލައްވާ ޑުޓާޓެ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ނުމެރުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އެންގިދާނެ ކަމަށެވެ. އެކަމަކު އެ މީހުން ފައިބުޑަށް ވެއްޓި ބުނާހާ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.