02 ސެޕްޓެމްބަރ 2020 - 11:06

ތެހެރާން (ސެޕްޓެމްބަރު 2) - އިޒްރޭލާ އެކު ގުޅުން ބަދަހި ކުރުމަކީ ޔޫއޭއީން މުސްލިމް ދުނިޔެއަށް ވި ބޮޑު ޚިޔާނާތެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
"ހަމަ ޔަގީނުން ވެސް ޔޫއޭއީގެ އެ ޣައްދާރުވުން މާގިނަ ދުވަހަށް ދެމިގެން ނުދާނެ. އެކަމަކު އެ މީހުން އެ ކުރި ކަންތައް ދިގު މުއްދަތަކަށް ހަނދާނުގައި ހުންނާނެ. އެ މީހުން ވަނީ ފަލަސްތީން މަތިން ހަނދާން ނައްތާލައި، ޒަޔަނިސްޓް ދައުލަތަށް ފުރުސަތު ދީފައި،" ޚާމަނާއީ ވިދާޅުވި އެވެ. "ޔޫއޭއީން އެ ކުރި ކަންތަކަށް އެ މީހުން ހޭއަރައި ފަހުން ހިތާމަ ކުރާނެ. އަދި އެކަމުގެ އަގު އެ މީހުން އަދާކޮށްދޭނެ."
އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ޔޫއޭއީން ގުޅުން ބަދަހި ކުރަން އެއްވެސްވުމާ ގުޅިގެން އީރާނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ޚާމަނާއީގެ ބަޔާނަށް ޔޫއޭއީން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
"ސުލްހައިގެ މަގަކީ ނަފްރަތު އުފައްދާ ވާހަކަތަކުން ހޯދޭނެ އެއްޗެއް ނޫން،" ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޖަމާލް އަލް މުޝާރަކާ ވިދާޅުވި އެވެ.
އިޒްރޭލާ ގުޅުން ގާއިމްކުރަންވި އެއްބަސްވުން ދިފާއުކޮށް ޔޫއޭއީގެ އޮފިޝަލުން ބުނެފައި ވަނީ އެކަމުގެ ފައިދާ ފަލަސްތީނަށް ކުރާނެ ކަމަށެވެ. އަދި އިޒްރޭލުން މިހާރު ވަނީ ހުޅަނގު އައްސޭރީގެ ބިންތައް މިލްކު ކުރަން ހުއްޓާލަން އެއްބަސްވެފައި ކަމަށް ވެސް ޔޫއޭއީން ބުނެފައިވެ އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ވިދާޅުވީ އިރުމަތީ ގުދުސް އަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި މިނިވަން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ޔޫއޭއީން މަސައްކަތް ކުރާކަމުގެ ޔަގީންކަން ފަލަސްތީނަށް ދޭން ބޭނުންވާ ކަމަށެވެ.
އިޒްރޭލާއި ޔޫއޭއީއާ ދެމެދު ސީދާ މުވާސަލާތީ ގުޅުން ގާއިމްކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ވެސް ފަށައިފަ އެވެ.