01 ސެޕްޓެމްބަރ 2020 - 22:15

ކޮވިޑް-19އާ ގުޅޭގޮތުން އާއްމުން އަދިވެސް އިތުރަށް ހޭލުންތެރިކުރުމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިރޭ ފަށައިފި އެވެ.
ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ އާއި ރޭޑިއޯ އާއި ނިއު މީޑިއާ ވެސް ބައިވެރިވެގެން ކުރިއަށް ގެންދާ މި ކެމްޕޭނު މިރޭ ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ކެމްޕޭން އިފްތިތާހު ކޮށްދެއްވުމަށް ފަހު އެ މަނިކުފާނު ވަނީ ހާއްސަ މެސެޖެއް ވެސް ދެއްވައިފަ އެވެ.
މިއީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުން ދާތީ، މީޑިއާތަކުން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.
ކެމްޕޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް ވެރިންނާ އެކު މީޑިއާތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެތަންތަނުގެ އިސްވެރިން ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19ގެ ހާލަތު ބަދަލުކުރަން މީޑިއާތަކަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ. އަދި އެޗްއީއޯސީއާ ގުޅިގެން މީޑިއާގެ ކޮންޓެންޓްސް ވަރުގަދަކުރެވިދާނެ ކަމަށް ވެސް، މީޑިއާތަކުގެ އިސް ވެރިން ފާހަގަކުރެއްވި އެވެ.
އެޗްއީއޯސީގެ ވެރިން ވަނީ މީޑިއާގެ މި އިސްނެގުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އާންމުންގެ ހޭލުންތެރިކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ މާޗު މަހު ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭން މީޑިއާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު މީޑިއާތަކުގެ އިސް ވެރިން ގަބޫލުކުރައްވަނީ ހުރިހާ މީޑިއާތަކަކުން، ކޮވިޑް-19އާ ގުޅޭ އެއް މެސެޖްތަކެއް ދިނުން މުހިންމު ކަމަށެވެ.