01 ސެޕްޓެމްބަރ 2020 - 18:56

ކޭޝްކާޑު ބޭނުން ނުކޮށް ފައިސާ ޖަމާކުރެވޭ ޒަމާނީ އޭޓީއެމެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބަހައްޓައިފި އެވެ.
މިއީ ރާއްޖެއަށް ތައާރަފު ކުރި މިފަދަ ފުރަތަމަ ހިދުމަތެކެވެ. މި ހިދުމަތް ހޯދުމަށް އޭޓީއެމްގައި ފޯނު ނަންބަރު ޖެހުމުން އޯޓީޕީ މެސެޖެއް ލިބޭނެ އެވެ. އަދި އޯޓީޕީ ނަންބަރު ޖެހުމުން ފައިސާ ޖަމާކޮށްލެވޭނެ އެވެ.
އެމްއައިބީ އިން ބުނީ މި ހިދުމަތާ އެކު އެމްއައިބީގައި އެކައުންޓު ނެތް މީހަކަށް ވެސް އެ ބޭންކުގެ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މި އޭޓީއެމް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ވިޔަފާރިވެރިންނަށް 500،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ. އަދި އެހެން ކަސްޓަމަރުންނަށް 200،000ރ. އާ ހަމަައަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ކޭޝްކާޑާ ނުލައި ފައިސާ ޖަމާ ކުރެވޭގޮތަށް ރާއްޖޭގައި ބަހައްޓާ ފުރަތަމަ އޭޓީއެމް ހުންނާނީ އެމްއައިބީގެ ހެޑް އޮފީހުގަ އެވެ. ނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގެ އިތުރު އޭޓިއެމްތަކުން ވެސް މި ހިދުމަތް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.