01 ސެޕްޓެމްބަރ 2020 - 13:31

ލަންޑަން (ސެޕްޓެމްބަރު 1) – ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަން އާސެނަލަށް ކުޅުނު ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސް އަންނަ ސީޒަނުގައި ވެސް ގެނައުމާ ގާތަށް އާސެނަލުން ޖެހިލައިފި އެވެ.
އާސެނަލުން ފުރަތަމަ މަސައްކަތްކުރީ ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ ހުސާމް އޯއާރް ގެންނާށެވެ. އެކަމަކު އޭނާގެ އަގުބޮޑުވުމާއި އަދި އޭނާ ޗެމްޕިއަންސް ލީގު ޓީމަކަށް ކުޅެން ބޭނުންވާތީ އެ ޑީލް ކުރިއަށް ނުދިޔައީ އެވެ.
ސެބާޔޯސް އަކީ މިދިޔަ ސީޒަނުގައި އާސެނަލަށް އެންމެ މޮޅަށް ކުޅުނު އެކަކެވެ. އެންމެ ފުރަތަމަ ޓީމުން ޖާގަ ހޯދަން އުނދަގޫވި ނަމަވެސް ލޮކްޑައުނަށް ފަހު އަލުން ފަށައިގެން ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެގޮތުން މިކޭލް އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކުރިއިރު އޭނާގެ ދައުރު ބޮޑެވެ.
ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅޭ ސެބާޔޯސް އަށް އެހެން ކްލަބްތަކުގެ ހުށަހެޅުން ލިބުނު ނަމަވެސް އޭނާ ބޭނުންވީ އާސެނަލާ އަލުން ގުޅޭށެވެ. އަންނަ ސީޒަނުގެ ޔޫރޯގައި ވާދަކުރާ ސްޕެއިން ޓީމުން ޖާގަ ޔަގީންކުރެވެން ވެސް އޮތީ ގަވާއިދުން ފުރުސަތު ލިބޭ ޓީމަކަށް ކުޅެގެންނެވެ. އާސެނަލްގެ ކޯޗު އާޓެޓާގެ ވެސް އެއް ޓާގެޓަކަށްވީ އޭނާ ގެނައުމެވެ.
އާސެނަލްގެ ހެންރިކް މިކިތާރިޔަން ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އުވާލުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އިޓަލީގެ ރޯމާ އަށް ބަދަލުވެފަ އެވެ. ލޯން އުސޫލުން މިދިޔަ ސީޒަން ރޯމާ އަށް ކުޅެ މިކިތާރިޔަން ވަނީ 27 މެޗުން ނުވަ ގޯލް ޖަހައިފަ އެވެ. މިކިތާރިޔަން އާސެނަލާ ގުޅުނީ 2018 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުގެ އެލެކްސިސް ސަންޗޭޒާ ބަދަލުކުރުމުގެ ޑީލެއްގެ ދަށުންނެވެ.
ލީގު ޗެމްޕިއަން ލިވަޕޫލް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ދާދި ފަހުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި އާސެނަލުން ވަނީ ޗެލްސީގެ ވިންގާ ވިލިއަން ގެނެސްފަ އެވެ.