އިންޑިއާ އިން އޮގަސްޓް މަހު ދެ މިލިއަން މީހުންނަށް ކޮވިޑް-19 ޖެހުނު
އިންޑިއާ އިން އޮގަސްޓް މަހު ދެ މިލިއަން މީހުންނަށް ކޮވިޑް-19 ޖެހުނު

ނިއު ދިއްލީ (ސެޕްޓެމްބަރު 1) - އިންޑިއާ އިން މިދިޔަ އޮގަސްޓް މަހު ދެ މިލިއަން މީހުންނަށް ކޮވިޑް-19 ޖެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިންޑިއާ އަކީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގައި ބަލި ފެތުރެން ފެށި ފަހުން އެއް މަސް ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އޮގަސްޓް މަހު އިންޑިއާ އިން ވަނީ ގާތްގަނޑަކަށް 28،000 މީހުން މަރުވެފަ އެވެ.

ޕޮޒިޓިވް ކޭސްގެ ގޮތުގައި 3.6 މިލިއަން މީހުން މިހާތަނަށް ރިޕޯޓްކޮށްފައިވާ އިންޑިއާ އަކީ ތިން ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހުނު މީހުން ތިބި ގައުމު ވެސް މެ އެވެ. އިންޑިއާގައި ބަލި އިތުރަށް ފެތުރެމުން ދިޔަ ނަމަވެސް ސަރުކާރުން މިހާރު ދަނީ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. މިދިޔަ މާޗް މަހު އިންޑިއާ ލޮކްޑައުން ކުރި ފަހޖުން އެތައް މިލިއަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

އޮގަސްޓް މަހު އިންޑިއާ އިން ވަނީ އެވްރެޖްކޮށް ދުވާލަކު 64،000 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު އެވްރެޖްކޮށް ދުވާލަކު 84 ޕަސެންޓުގެ މަތިވުމެކެވެ. މިއީ ދުނިޔެ އަށް ބަލާ ނަމަވެސް ރެކޯޑް އަދަދުތަކެކެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާ އިން މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު ޕޮޒިޓިވްވެފައި ވަނީ 47،000 މީހުންނެވެ.

އިންޑިއާގައި ބައްޔަށް ޓެސްޓް ކުރުމުގެ ރޭޓް އުޅެނީ ކޮންމެ މިލިއަނަކަށް 32،000 ގަ އެވެ. އެކަމަކު އިންޑިއާގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވެސް އެވްރެޖްކޮށް ރަނގަޅު ކަމަށް އޮފިޝަލުން ބުނެ އެވެ. ޕޮޒިޓިވްވާ ކޮންމެ 100 މީހަކަށް 77 މީހުން ރަނގަޅުވެ އެވެ. އިންޑިއާގައި ޕޮޒިޓިވްވާ ކޮންމެ 100 މީހަކަށް ދެ މީހުން ވެސް މަރު ނުވާ ކަމަށްވެ ތަފާސްހިސާބުތަކުން ދައްކަ އެވެ.