ބޮޑެތި މައްސަލަތަކެއްގެ ތަހުގީގު ވާނުވާ ނޭނގިފައި!
ބޮޑެތި މައްސަލަތަކެއްގެ ތަހުގީގު ވާނުވާ ނޭނގިފައި!

މި އަހަރުގެ ތެރޭގައި ހިނގާފައި ހުރި ބޮޑެތި މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް "މިހާރު"ން ކުރި މަސައްކަތް ބޭކާރުވެއްޖެ އެވެ!

ވައްކަމާއި ތަންތަން ރޯކުރުމާއި އަދި ހިއުމަން ޓްރެފިކިން އަދި ކުޑަކުދިންނާ ބެހުމުގެ ސީރިއަސް މައްސަލަތަކެއް ވެސް މި އަހަރުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. އަދި ތަހުގީގު ވެސް ވަނީ ފަށައިފަ އެވެ. އެ ތަހުގީގުތައް ގޮސްފައި އޮތް ހިސާބެއް ބެލުމަށް ފުލުހުންގެ ކިބައިން އެދުމުން "އެކަމާ ބެހޭ އިތުރު އަޕްޑޭޓެއް" ނެތް ކަމަށް ވަނީ ބުނެފަ އެވެ.

މި އަހަރުގެ ތެރޭގައި ހިނގި ބޮޑު އެއް ވައްކަމަކީ އެޕޯލޯގެ އޮފީސް ފަޅާލައި 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމެވެ. އެ ވައްކަމަށް ހަތަރު މަސް ވެގެންދިޔައިރު ވެސް އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ނޭނގެ އެވެ.

މާފަންނު ކޫލް ރައިޑް ފިހާރަ ކުރިމަތިން މެރިންވިލާގެ ދެވަނަ ބުރީގައި ހުންނަ އެޕޯލޯގެ އޮފީހުން ވައްކަން ކުރީ، ސީސީޓީވީތަކުގައި ޓޭޕް އެޅުމަށް ފަހު އެވެ.

ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ ކުންފުނީގެ އޮފީހުން ވައްކަންކުރިތާ ދެ ދުވަހެއް ފަހުން، އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި އޭޕްރީލް، 15 ވަނަ ދުވަހުގެ ފަތިހު ރޯކޮށްލާފައި ވެ އެވެ.

ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައިގެ ދެ ލޯންޗަކާއި ދެ ޑިންގީގައި ރޯކޮށްލުމުގެ ޒިންމާ އައިއެސް އިން ނެގި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ވެސް ބުނެފައިވާ ގޮތުން އައިއެސްއަށް ވާގިވެރިވާ ފަރާތްތަކަކާ އެކު އެ ޖަމާއަތުން ރާއްޖޭގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު މޮނީޓަރިން ޓީމަށް ވަނީ ލިބިފަ އެވެ. އަދި މިދިޔަ އޭޕްރީލް މަހު އދ. މަހިބަދޫ ފަޅުގައި ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމަކީ އައިއެސް އިން ރާއްޖޭގައި ހިންގި ފުރަތަމަ ޓެރަރިސްޓް ހަރަކާތް ކަމަށާއި އެ ހަމަލާއަކީ ހައްދުފަހަނާއަޅާފައިވާ މީހުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމުން ދިން ހަމަލާއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ބުނެފައިވަނީ މަހިބަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗުތަކުގައި ރޯކޮށްލާފައި ވަނީ ބަޔަކު ގަސްތުގައި ކަމަށެވެ. އެކަން ކުރީ ޑިންގީއެއްގައި އެ ރަށަށް ދިޔަ ބަޔަކު އަލިފާން ރޯކޮށްފައިވާ ފުޅިތަކެއް ލޯންޗްތަކަށް އުކައިގެން ކަމަށް ވިއަސް ލޯންޗުތަކުގައި ރޯކުރި މީހުންނާއި އައިއެސްއާ ގުޅުމެއް އޮތް ކަމެއް ނޭނގޭ ކަމަށް، އޭޕްރީލް، 29 ގައި ބޭއްވި ނިއުސް ކޮންފަރެސްގައި ފުލުހުން ބުންޏެވެ.

އެ ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ލޯންޗުތަކުގައި ރޯކުރި މައްސަލައާ ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވިޔަސް ތުހުމަތު ކުރެވޭ ފަސް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ގެތަކުން ޑިޖިޓަލް އެވިޑެންސް ލިބިފައިވާ ކަމަށް ވެސް އެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވި އެވެ. އޭގެ ފަހުން އެކަމާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ނެތެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޖުލައި، 28 ގައި މުޒާހަރާ ކުރި ސަރަހައްދުގައި ހަރަކާތްތެރިވި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވިއަސް އެ ހަޑި މުޑުދާރު އަމަލާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް އައި އިރު ވެސް ދީފައެއް ނުވެ އެވެ.

ސޯސަންމަގު ހަތަރު އަނގޮޅި ކަންމަތީގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަންގެ ބޮލުގައި އަޅުވާފައިވާއިރު، އެކަން އެ ކޯލިޝަނުން ދޮގުކުރެ އެވެ. އެ މައްސަލައާ ގުޅިގެން ވެސް މިހާތަނަށް އެއްވެސް ތަފްސީލެއް ނުދެ އެވެ. އެކަން ކުރި ބަޔަކު ހޯދުނު ކަމެއް ނުވަތަ ނޫންކަމެއް ވެސް ޔަގީނެއް ނުކޮށްދެ އެވެ.

އޭގެ ފަހުން ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށި އެވެ. އެ މައްސަލައިގެ ރިޒާ ފުލުހަށް ހާޒިރު ވެސް ކުރި އެވެ. އެކަމަކު ދެ މަސްވާން ކައިރިވިއިރު ވެސް އެ މައްސަލައިގެ ތަހުގީގަށް ވީގޮތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކީ ވެސް މި އަހަރުގެ ތެރޭގައި ހިނގައިދިޔަ ބޮޑު ހާދިސާއެކެވެ. މި މައްސަލައާ ބެހޭގޮތުން ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައި ކަމަށެވެ. އަދި ދައުވާކުރަން ވީހާ ވެސް އަވަހަކަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިދިޔަ މަހު ވިދާޅުވީ ކޮވިޑަށް ފުލުހުން ޕޮޒިޓިވް ވުން ފަދަ ކަންކަމާ ހެދި މި އަހަރު ހޭދަކުރަމުން ދަނީ ދަތި އަދި އުނދަގޫ މަރުހަލާއެއް ކަމަށެވެ. އެހެން ނޫންނަމަ ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރަމުން އަންނަ މަސައްކަތް އެތައް ރާސްތާއެއް ކަޑައްތުކުރެވުނީސް ކަމަށް ވިދާޅުވި އެވެ.