މެސީ އަށް އާޖެންޓީނާ ރައީސްގެ ދައުވަތެއް
މެސީ އަށް އާޖެންޓީނާ ރައީސްގެ ދައުވަތެއް

ރޮސާރިއޯ (ސެޕްޓެމްބަރު 1) - ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ލިއޮނަލް މެސީ، އޭނާގެ ކެރިއަރު ނިންމާލަން އާޖެންޓީނާ އަށް އައުމަށް އެ ގައުމުގެ ރައީސް އަލްބާޓޯ ފެނާންޑޭސް ދައުވަތު ދެއްވައިފި އެވެ/

މެސީ އަށް އާޖެންޓީނާ ރައީސްގެ ދައުވަތެއް
މެސީ އަށް އާޖެންޓީނާ ރައީސްގެ ދައުވަތެއް

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އެންގުމާ އެކު އޭނާ ހޯދަން އެކި ކްލަބްތަކުން މަސައްކަތް ފެށި އެވެ. މެސީ ބާސެލޯނާ ދޫކޮށްލާނަމަ އޭނާގެ ކުރީގެ ކްލަބް އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ބަދަލުވެދާނެ ކަމަށް މީގެ ކުރިން ވެސް އޮތީ ވާހަކަ ދެކެވިފަ އެވެ. މެސީ ކްލަބް ބަދަލުކުރަން ބޭނުންވާކަން އިއުލާނުކުރުމާ އެކު ނެވެލްސް އޯލްޑް ބޯއީސް ސަޕޯޓަރުން އަންނަނީ މެސީ އަލުން އެ ޓީމާ ގުޅުމަށް އެދި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެކި އިވެންޓްތައް ބާއްވަމުންނެވެ.

އާޖެންޓީނާ ޓީވީ އަކަށް އެ ގައުމުގެ ރައީސް ފެނާންޑޭސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެސީ އެ ގައުމުގައި ކުޅޭތަން ދެކެން ބޭނުންވާ ގިނަ ބަޔަކު ތިބޭނެ ކަމަށާއި އެކަން ފުރިހަމަވާން އޭނާ އެދޭ ކަމަށެވެ.

"އަހަރެމެންގެ ހިތްތަކުގައި އަބަދުވެސް މެސީ އަށް ހާއްސަ ޖާގައެއް އޮންނާނެ. އަހަރެމެންގެ ގައުމުގައި މެސީގެ މެޗުތަކެއް ކުޅޭތަން އަދިއެއް ނުފެނޭ. އަހަރެން އެދެނީ އެ ނަސީބު އެތައް ބަޔަކަށް ހޯދައިދިނުމުގެ ގޮތުން މެސީ އޭނާގެ ކެރިއަރު ނިންމާލަން އާޖެންޓީނާ އަށް އައުން. މި ތަނުގައި އޭނާގެ ކުރީގެ ކްލަބް ނެވެލްސް އޯލްޑް ބޯއީސް ވެސް އެބައޮތް،" ފެނާންޑޭސް ވިދާޅުވި އެވެ.

މެސީ ޔޫތު ކެރިއަރު ފެށީ 1994 ވަނަ އަހަރު ނެވެލްސް އޯލްޑް ބޯއީސް އިންނެވެ. އޭނާ ބާސެލޯނާގެ ލަ މާސިއާ އެކެޑަމީއާ ގުޅުނީ 2000 ވަނަ އަހަރު އެވެ. އަދި ސީނިއާ ޓީމުން ފުރުސަތު ހޯދީ 2004 ވަނަ އަހަރު އެވެ.

މެސީ، ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކަށް ބަދަލުވާން ހުށަހަޅާފައިވަނީ އޭނާ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައިވާ ވަކި މާއްދާ އަކަށް ރިއާޔަތްކޮށެވެ. ބާސެލޯނާއާ އެކު މެސީގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، އެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި މެސީ ބޭނުންނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ އިހުތިޔާރު ކުރާ ޓީމަކަށް ބަދަލުވެވޭނެ އެވެ. ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 އަށް ހަމަވެފައިވާ ކަމަށެވެ. މި ފަހަރުގެ ސީޒަން ދިގުލައިދިޔައީ ހާއްސަ ހާލަތެއްގެ ދަށުން ކޮވިޑް-19އާ ހެދި ސީޒަން މެދުކަނޑާލަން ޖެހުމުން ކަމަށްވާއިރު، އޭނާ އޮގަސްޓް މަހު ތެރޭގައި ކްލަބް ދޫކޮށްލަން ހުށަހެޅިޔަސް ސީޒަން ނިމުމާ ދޭތެރޭ ކޮންޓްރެކްޓްގައި ބުނެފައިވާ މުއްދަތުގައި ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ހުށަހެޅޭނެ ކަމަށް މެސީ ދެކެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ. އެކަމަކު މެސީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރަން ކޯޓަށް ހުށަހަޅާއިރު، ފީފާ އަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އިން ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސްތައް އިއްޔެ ފަށާފައިވާއިރު މެސީ ބައިވެރިއެއްނުވެ އެވެ. ބާސެލޯނާ ދޫކޮށްލައިފިނަމަ މެސީ ދެން ފެނުން އެންމެ ގާތީ އިންގްލެންޑްގެ މެންޗެސްޓާ ސިޓީ ނޫނީ އިޓަލީގެ އިންޓަ މިލާނުންނެވެ. ބާސެލޯނާގެ ބޯޑުން ބޭނުންވަނީ މެސީ ކްލަބް ބަދަލުކުރާނަމަ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު ޓްރާންސްފާ އަށް ހެދުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީ އޮތީ ޓްރާންސްފާ ފީ އަކާ އެކު ދެ ކުޅުންތެރިއަކު ދީގެން ވެސް މެސީ ގެންނަން ތައްޔާރަށެވެ.