02 ސެޕްޓެމްބަރ 2020 - 07:40

ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" މުހިއްމު ބައިވެރިންތަކެއް ޝޯއިން ވަކިވާން ނިންމާފައިވާތީ އާއި ޝޯގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައި ވާތީ އެ ސިލްސިލާ ނޮވެމްބަރު މަހުގެ ތެރޭގައި ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްތާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމްސްގެ ސިލްސިލާގެ ޓީމުގެ މީހަކާ ހަވާލާދީީ ބައެއް މީޑިއާތަކުން ބުނީ "ކަސޯޓީ" މިހާރު އޮތީ ޓީއާރްޕީ ރޭޓިން އަށް ބަލާ އިރު އެކްތާ އާއި އޭގެ މުޅި ޓީމް ވެސް އެންމެ ހިތްހަމަޖެހޭ ހިސާބުގައި ނޫން ކަމަށެވެ. އެހެންވެ ނޮވެމްބަރު މަހުގެ ތެރޭގައި ސިލްސިލާ ނިންމައިލަން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބުންޏެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ފަހުކޮޅު ދައްކަން ފެށި "ކަސޯޓީ" އަކީ އެކްތާ ހަމަ އެ ނަމުގައި ކުރިން ގެނެސްދިން ސިލްސިލާގެ ކެރެކްޓާތަކާ އެކު، މުޅިން ތަފާތު ކާސްޓެއް ހިމަނައިގެން ގެނެސްދޭން ފެށި ސިލްސިލާއެކެވެ. "ކަސޯޓީ" އާ ބަޔަކާ އެކު ގެނެސްދޭން ނިންމީ ކުރީގެ ސިލްސިލާ ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ. ކުރީގެ ސިލްސިލާގެ މުހިއްމު ތަރިންނަކީ ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ސިޒާން ޚާން (އަނޫރާގް ބާސޫ)، ރޯނިތު ރޯއި (ރިޝަބް ބަޖާޖް) އަދި އުރްވަޝީ ދޮލާކިއާ (ކޮމޮލިކާ) އެވެ.
އާ ސިލްސިލާގެ ތަރިންނަކީ އެރިކާ ފެނާންޑޭޒް (ޕްރޭނާ) އާއި ޕާތު ސަމްތާން (އަނޫރާގް)، ކަރަން ޕަޓޭލް/ކަރަން ސިންގް ގްރޯވާ (ބަޖާޖް) އަދި އާމްނާ ޝަރީފް/ހީނާ ޚާން (ކޮމޮލިކާ) އެވެ.
"ކަސޯޓީ" ހުއްޓައިލަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ އިރު، ޕާތު އާއި ސިލްސިލާގެ ސަޕޯޓިން ރޯލެއް ކުޅޭ ސާހިލް އާނަންދު ވަނީ ޝޯއިން ވަކިވާން ނިންމައި، ބާލާޖީ އަށް އެކަން އަންގައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ޕާތުގެ ބަދަލުގައި އަނޫރާގްގެ ރޯލް ކުޅޭނެ އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާރު ސުވާލަކީ ނޮވެމްބަރުގައި ސިލްސިލާ ހުއްޓައިލާތީ އާ އެކްޓަރު ހޯދުމުގެ ބަދަލުގައި ޝޯ ނިމެންދެން ޕާތު މަޑުކުރާނެތޯ އެވެ؟
"ކަސޯޓީ" އަށް ކުރިން ވެސް ވަނީ މުހިއްމު ކެރެކްޓާތަކެއް ކުޅުނު ތަރިންތަކެއް ބަދަލުކުރަން ޖެހުމުގެ އުނދަގޫ މަސައްކަތާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އާމްނާ ޝޯ އަށް ގެނައީ ހީނާ ކޮމޮލިކާގެ ރޯލް ދޫކޮށްލުމުންނެވެ. ކަރަން ޕަޓޭލަށް ބަޖާޖްގެ ރޯލް ދިނީ ކަރަން ސިންގް ގްރޯވާ އަށް އެ ރޯލް ދޫކޮށްލަން ޖެހުމުންނެވެ.
ސެޕްޓެމްބަރު 25، 2018 ގައި ދައްކަން ފެށި "ކަސޯޓީ" ގެ 430 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. ކުރީގެ "ކަސޯޓީ" އަކީ އަށް އަހަރަށް ދެމިގެން ދިޔަ ސިލްސިލާއެކެވެ. އެގޮތުން 2001-2008 އަށް ގެނެސްދިން ސިލްސިލާގެ 1،423 އެޕިސޯޑް ގެނެސްދިނެވެ.