ސައިފް އަލީ ޚާނާ އެކު "ބޫތު ޕޮލިސް" ގައި އަރުޖުން ކަޕޫރް
ސައިފް އަލީ ޚާނާ އެކު "ބޫތު ޕޮލިސް" ގައި އަރުޖުން ކަޕޫރް

މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކުރި ސައިފް އަލީ ޚާންގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" އަށް އަރުޖުން ކަޕޫރް ސޮއިކޮށްފި އެވެ.

"ރޭސް" ފަދަ ފިލްމުތައް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމު މިދިޔަ އަހަރު އިއުލާންކުރީ ސައިފާއި އަލީ ފަޒަލްގެ އިތުރުން ފާތިމާ ސަނާ ޝެއިހާ އެކީގަ އެވެ. ނަމަވެސް އަލީގެ ބަދަލުގައި ފިލްމުން ފެންނާނީ އަރުޖުންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ކާސްޓަށް ބަދަލު ގެނައީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ.

"ބޫތު ޕޮލިސް" ވާނީ ސައިފާއި އަރުޖުންގެ ވެސް ފުރަތަމަ ހޮރޯ-ކޮމެޑީއަށެވެ. އަދި މިއީ މި ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ. އަރުޖުން ކުރިން ސައިފްގެ އަންހެނުން ކަރީނާ ކަޕޫރާ އެކު ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2016 ގެ "ކީ އެންޑް ކާ" އެވެ.

ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރާ "ބޫތު ޕޮލިސް" ގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.

އަރުން މި ވަގުތު އަންނަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝްވީ ނައިރްގެ ކްރޮސް-ބޯޑާ ލަވް ސްޓޯރީއެއް ކިޔައިދޭ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. ނަން އަދި އިއުލާންނުކުރާ މި ފިލްމުގެ ކާސްޓްގައި ރަކުލް ޕްރީތު ސިންގް އާއި ޖޯން އަބްރަހަމާއި އަދިތީ ރާއީ ހައިދަރީ ވެސް ހިމެނެ އެވެ.

ސައިފްގެ ކުރިއަށް އޮތް ފިލްމަކީ ޔާޝްރާޖް ފިލްމްސްގެ " ބަންޓީ އޯރް ބަބްލީ 2" އެވެ.