01 ސެޕްޓެމްބަރ 2020 - 08:38

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 7،804 މީހުންގެ ތެރެއިން އުމުރުން 79 އަހަރުގެ މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ. މިއީ މިދިޔަ މާޗު 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން މަރުވި 29 ވަނަ މީހާ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ރޭ ދަންވަރު 1:42 ގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި (ޑީއެޗް-11) ގައި ފަރުވާ ދެމުން އައި ދިވެހި ފިރިހެނަކު ކަމަށެވެ. މިއީ ކޮވިޑް ބަލީގައި މި މަހު ރާއްޖެ އިން މަރުވި ފުރަތަމަ މީހާ އެވެ.
ކޮވިޑް ބަލީގައި ރާއްޖޭގައި ވެސް މަރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވާއިރު، ހައި ރިސްކު މީހުންނަށް އެ ބަލި ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެޗްޕީއޭ އިން މިދިޔަ ހަފުތާގައި ވެސް ވަނީ ފާޅުކޮށްފަ އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެފައި ވަނީ ރާއްޖެ އިން މިހާރު ފެންނަ ކޮވިޑްގެ ކޭސްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި މާބަނޑުމީހުން މިހާރު ގިނަވަމުން ދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ދިގު މުއްދަތަށް ފަރުވާދޭން ޖެހޭ ފަދަ ގައިން ގަޔަށް ނާރާ ބަލިތައް ހުންނަ ބޭފުޅުންނަކީ ހައިރިސްކް ބޭފުޅުން. ސުވާލެއް އުފެދޭނެ މިހައިތަނަށް ފެނުނު ކޭސްތަކުގެ ތެރޭގައި މި ހައި ރިސްކް ހުރި މީހުންގެ ކޭސްތައް ހުރީ ކިހިނެއްތޯ؟ މިގޮތަށް ބަލައިލާއިރު ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ މަންޒަރުތަކެއް މިފެންނަނީ،" މިދިޔަ އާދިއްތަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް ބަލިން މިހާތަނަށް 5،155 މީހަކު ރަނގަޅު ވެފައިވާއިރު އަދިވެސް 2،615 މީހަކު ފަރުވާގައި އެބަތިއްބެވެ. އޭގެ ތެރެއިން އެކިއެކި ފެސިލިޓީތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 172 މީހަކަށެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އަލަށް ވަނީ 137 މީހަކަށް ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 96 އެވެ.