31 އޯގަސްޓް 2020 - 21:11

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ފަރާތްތައް ރަޖިސްޓްރީވުމަށް އެ އޭޖެންސީން އަންގައިފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގިނަ ތަންތަނުން ނަގަންޖެހޭ ހުއްދަ ނުނަގައި ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަކަމުގެ ޝަކުވާތައް އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީނުކޮށް ހިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރަޖިސްޓްރީ ނުކޮށް ހިދުމްތަދޭ ތަންތަނުން ހިދުމަތް ނުހޯދުމަށް އާއްމުންގެ ފަރާތުން ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ޖެހޭނީ http://counter.health.gov.mv/ މެދުވެރިކޮށެވެ.
އެޗްޕީއޭގެ މި ނިންމުމަށް ރެސްޓޯރެންޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން، މިއީ މިއަދާ ހަމައަށް އެ އެސޯސިއޭޝަނުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ރެމް އިން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މި ކަންތައްތަކަށް ހައްލު ހޯދައި ދިނުމަށް އެއްބާރުލުން ދޭނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.