ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދެވޭ ގޮތް ހަދައިފި
ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދެވޭ ގޮތް ހަދައިފި

ރައްޖެ އަންނަ ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރެވޭގޮތް ޓޫރިޒަމް މިނިސްޓްރީން ހަދައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ނިންމުމަކީ ޓޫރިސްޓުންނަށް ރާއްޖޭގައި ގިނަ ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއޯއީސީ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުމުގެ ހުއްދަ ދޭން ނިންމައިފައި ވަނީ އެޗްޕީއޭ އިން ކަނޑައަޅާ "ސްޕްލިޓް ސްޓޭ" ގައިޑްލައިނަށް ފެތޭ ރިސޯޓުތަކުން އެޗްޕީއޭ އިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުންނެވެ. ޓޫރިޒަމް މިނިސްޓްރީން މި ހުއްދަ އަށް އެދެން ޖެހޭނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓު ދިއުމުގެ ދެ ދުވަސް ކުރިންނެވެ.

ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރާ ދުވަސްތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ޓޫރިސްޓުންނަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުން ވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއް ހޯދަން ޖެހޭގޮތް ހެދުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހަތަރު މަހެއްހާ ދުވަހު ބަންދު ކުރުމަށްފަހު އަލުން ހުޅުވާފައި ވަނީ ޖުލައި 15 ގަ އެވެ. ނަމަވެސް އުއްމީދު ކުރިވަރާ ގާތަށް ވެސް ޓޫރިސްޓުން ނާންނަ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އެހެންކަމުން ޓޫރިޒަމް ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް މިނިސްޓްރީއާ ކަމާ ބެހޭ އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.