27 އޮކްޓޯބަރ 2016 - 05:35

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އެންމެ ފަހުން އުފެއްދި "ބާޖީރާއޯ މާސްތާނީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭނާ އަލަށް ފަށާ "ޕަދްމާވަތީ" ގައި ވަރަށް ވަރުގަދަ ހަނގުރާމައެއްގެ މަންޒަރުތަކެއް ހިމެނެ އެވެ. އަދި މިހާރު ބާންސާލީ ވަނީ އެ ހަނގުރާމައިގެ ކޮންމެ މަންޒަރެއް ކަރުދާހުގައި ކުރަހާ ފުރިހަމަކޮށްފަ އެވެ.

"ޕަދްމާވަތީ"ގެ ނިމޭ މަންޒަރުތަކުގެ ގޮތުގައި ހިމެނޭ މި ހަނގުރާމައިގެ މަންޒަރުތައް ވެގެން ދާނީ މިހާތަނަށް ހިންދީ ފިލްމަކުން ފެންނާނެ އެންމެ މޮޅު މަންޒަރުތަކަށެވެ. މީގެ އެންމެ މަންޒަރަކަށް 12 ކްރޯޑު (120 މިލިއަން ރުޕީސް) ޚަރަދުވެ އެވެ.
މި މަންޒަރުތައް އެކަނި ނެގުމަށް ފިލްމުގައި ބައިވެރިވާ ހުރިހާ ތަރިން 15 ވަރަކަށް ދުވަސް ހުސްކުރަން ޖެހެ އެވެ.
"ޕަދްމާވަތީ" ޕްރޮޑިއުސްކުރަނީ ވަޔަކޮމް 18 އިންނެވެ. ފިލްމު އަގުބޮޑުވެގެން އެއްވެސް މަންޒަރެއް ނުހިމަނާ ދޫކޮށްލާކަށް އެ ކުންފުނިން ބޭނުމެއް ނޫނެވެ.
ޕްރޮޑަކްޝަން ހައުސްގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ފިލްމަށް ފައިސާ ޚަރަދުކުރުމުގައި އެ ކުންފުނިން އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅޭނެ ކަމަށެވެ.
މި ފިލްމުގެ ތަރިންނަކީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރެވެ. މި ފިލްމުގައި ޝާހިދަކީ ރަސްކަލެކެވެ. އަދި ދީޕިކާގެ ކެރެކްޓާގެ ފިރިމީހާ އެވެ. ރަންވީރަކީ ވެސް ރަސްކަލެކެވެ. އަދި ދީޕިކާއާ ހެދި ދީވާނާ ވެފައިވާ މީހެކެވެ.
މި ފިލްމުގެ މަސައްކަތް މިހާރު ފެށެން ގާތްވެފައިވާއިރު އެންމެ ފުރަތަމަ ޝޫޓްކުރަން ހަމަޖެހިފައިވަނީ ރަންވީރުގެ މަންޒަރުތަކެއް ކަމަށްވެ އެވެ.
ފިލްމާ ބެހޭ ގޮތުން ޝާހިދު ވެސް ދާދިފަހުން ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އާއި ރަންވީރުގެ ވާދަވެރިކަމާއި ރުޅިވެރިކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. "ޕަދްމާވަތީ" ގައި ދީޕިކާގެ ރޯލު ވަރަށް މޮޅު ކަމަށާއި ރަންވީރަށް ހަމަ އެހާ ފުރިހަމަ ރޯލެއް އެބައޮތް ކަމަށާއި އޭނާގެ ރޯލު ވެސް ވަކި އެހެން ބައިތަކަށް ދޫނުކުރާ ކަމަށް ޝާހިދު ބުނެފައިވެ އެވެ.