31 އޯގަސްޓް 2020 - 18:53

ނިއު ދިއްލީ (އޮގަސްޓް 31) - ކޮވިޑް-19 ޖެހިފައިވާކަން އެނގުމުން އެ ބައްޔަށް ވެސް ފަރުވާ ދެމުން ދަނިކޮށް އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބު މުކަރުޖީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 84 އަހަރުގެ މުކަރުޖީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ސިކުނޑިން ގަނޑުލޭކޮޅެެއް ނެގުމަށެވެ. މުކަރުޖީ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އެޑްމިޓްކުރި ފަހުންނެވެ. އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވާތާ 21 ދުވަސް ފަހުންނެވެ.
މުކަރުޖީގެ 51 އަހަރުގެ ދިގު ސިޔާސީ ހަޔާތުގައި ވަނީ 2012 އިން 2017 އަށް އިންޑިއާގެ ރައީސްކަން ކުރައްވައިފަ އެވެ. އޭގެ ކުރިން ވަނީ ފިނޭންސް، ޑިފެންސް އަދި ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. އިންޑިއާގެ ރައީސް އަކީ ރަމްޒީ މަގާމެއްގައި ހުންނަވާ ބޭފުޅެއް ނަމަވެސް، ބައެއް ހާލަތްތަކުގައި ސަރުކާރު އުފައްދާނެ ޕާޓީ ނިންމުމަކީ ރައީސްގެ ޒިންމާއެކެވެ.
މުކަރްޖީގެ ސިޔާސީ ހަޔާތްޕުޅު 1960 ގެ އަހަރުތަކުގައި ފެއްޓެވީ އިންދިރާ ގާނދީގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތް ހިސާބުންނެވެ. ކޮންގްރެސްއާ ޖެހުނު މައްސަލައެއްގައި 1986 ވަނަ އަހަރު ކޮންގްރެސް އިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވި އެވެ. ނަމަވެސް ދެ އަހަރު ފަހުން އަލުން ވަނީ ކޮންގްރެސްއާ ގުޅިވަޑައިގެންފަ އެވެ. މުކަރްޖީ ވަނީ ޕާލަމެންޓުގެ މެންބަރުކަން 37 އަހަރު ކުރައްވައިފަ އެވެ.