31 އޯގަސްޓް 2020 - 15:05

ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ، އިންކަމް ސަޕޯޓް އެލަވެންސަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ދެވަނަ ބުރުގައި ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރު މަހަށް އެލަވަންސް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ އެލަވެންސަށް އެދި 15 ސެޕްޓެމްބަރުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭއިރު އޮގަސްޓު މަހުގެ އެލަވެންސަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ 30 ސެޕްޓެމްބަރުގެ ކުރިންނެވެ. ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލާނެ އެވެ.
މި އެލަވެންސަށް އެދި ފޯމު ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރު jobcenter.mv މެދުވެރިކޮށް އެކަންޏެވެ. އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ މީހުން، އީފާސްގައި ރަޖިސްޓްރީވުމަށް ފަހު، އޮންލައިން ފޯމް ފުރިހަމަކޮށް ހުށައަޅަން އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް މަހަކު 5،000ރ. އެވެ. އަދި މުސާރައަށް ބަދަލު އައި މީހުންގެ ތެރެއިން މަދުވެގެން 5،000ރ. ނުލިބޭ މީހުންނަށް އެ އަދަދު ހަމަވާ ވަރަށް އެލަވެންސް ލިބޭނެ އެވެ. މި ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އެލަވެންސްގެ ފުރަތަމަ ބުރުގައި މިހާތަނަށް 5،440 މީހަކަށް، 43.6 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.