01 ސެޕްޓެމްބަރ 2020 - 08:17

އާދީއްތަ ދުވަހު 90 ވަނަ އުފަން ދުވަސް ފާހަގަކުރި އެމެރިކާގެ މަހުޖަނު ވޮރެން ބަފެޓަށް ހަދިޔާއެއްގެ ގޮތުގައި އޭނާގެ ސޫރަ ވެސް ހިމެނޭ ގޮތަށް، މަހުޖަނު ބިލް ގޭޓްސް ކޭކެއް އަޅުއްވާ ވީޑިއޯއަކާ އެކު އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
މައިކްރޮސޮފްޓްގެ ކުރީގެ ޗެއާމަންގެ ޓްވިޓާގައި ވޮރެން އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވި ވީޑިއޯގައި ފެންނަނީ ގޭޓްސް އަމިއްލަ އަށް އޯރިއޯ ކޭކެއް އަޅުއްވައި އެ ކޭކް ޑެކޮރޭޓްކުރާ ތަނެވެ. ކޭކުގެ މަތީގައި ޗޮކްލެޓް ކުނޑިން ވޮރެންގެ ސޫރަ ވެސް ކުރަހާފައިވެ އެވެ. އަދި ކޭކް އަޅައި ނިމި ކޭކު ފަޅާތަން ވެސް ދައްކަ އެވެ.
ބާކްޝަޔާ ހަތަވޭ ކުންފުނީގެ ސީއީއޯ ވޮރެން އަކީ އަބަދު ވެސް ފޮނިކާތަކެއްޗަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ.
ވޮރެންއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ގޭޓްސް، އެކުވެރިޔާގެ އުފަން ދުވަހަށް އޯރިއޯ ކޭކެއް އެޅި ސަބަބަކީ އޭނާ އަކީ އޯރިއޯ ބިސްކޯދަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ބޭފުޅަކަށް ވުމެވެ. އެގޮތުން އުމުރުން އެންމެ ހަ އަހަރުން ފެށިގެން ހެނދުނުގެ ނާސްތާއަކަށް ވޮރެން އޯރިއޯ ބިސްކޯދު ފަރިއްކުޅުވާކަން އެނގުމަކީ އޭނާއާ ބެހޭ ގޮތުން އެނގުނު އެންމެ އާދަޔާހިލާފު އެއް ކަންތައް ކަމަށް ގޭޓްސް 2016 ގައި ވިދާޅުވެފައިވެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ގޭޓްސް އާއި ވޮރެންގެ މެދުގައި އެންމެ ފުރަތަމަ ގާތް ގުޅުމެއް އުފެދުނީ 1991 ގަ އެވެ. އެއީ އެ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ގޭޓްސްގެ މަންމަ ވޮޝިންޓަންގެ ހުޑް ކޯނަލްގައި ހުންނަ އެ މީހުންގެ ވެކޭޝަން ހޯމްގައި ގޭޓްސް އާއި ވޮރެން ބައްދަލުކޮށްދިން ހިސާބުންނެވެ.
އުމުރުން 64 އަހަރުގެ ގޭޓްސް އަކީ މި ވަގުތު ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު މަހުޖަނެވެ. އޭނާގެ މިލްކިއްޔާތު 114 ބިލިއަން ޑޮލަރަށް އަރަ އެވެ. މިލްކިއްޔާތު މިހާރު 83 ބިލިއަން ޑޮލަރަށް އަރާ ވޮރެން އަކީ ދުނިޔޭގެ ހަ ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.