27 އޮކްޓޯބަރ 2016 - 05:33

ރިތިކް ރޯޝަންގެ "ގާބިލް" އަކީ މިހާރު އޭނާގެ ފޭނުން އެންމެ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާ އެއް ފިލްމެވެ. ރިތިކް އެންމެ މޮޅަށް ކުރާ ކަމަކީ އެކްޝަން ކަމަށް ވާއިރު މި ފިލްމުގައި ފެނިގެން ދަނީ އޭނާގެ އެފަދަ ރޯލެވެ.
ފިލްމުގެ އޮފިޝަލް ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު ގިނަ ބަޔަކު ބުނަނީ މުނިފޫހިފިލުވުމުގެ ހުރިހާ ބަޔަކާ އެކު ރޮމޭންސް، އެކްޝަން ހިމެނޭ ތުރިލާ އަކަށް މި ފިލްމު ވާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
މި ފިލްމުގައި ރިތިކް ކުޅެފައިވަނީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ ރޯހަން ބަޓްނާގަރްގެ ބައެވެ. ފިލްމުގެ ބަތަލާ ޔާމީ ގޯތަމް ވެސް ކުޅެފައިވަނީ ލޯފަން މީހެއްގެ ރޯލެވެ. ލޯފަން ދެ މީހުން ބައްދަލުވެ އެމީހުންގެ ލޯބީގެ މާތައް ފޮޅެމުންދަނިކޮށް ބަޔަކު ޔާމީ ކިޑްނެޕް ކުރަނީ އެވެ.
ލޮލަށް ނުފެންނަ ހާލުގައި ވެސް ރޯހަން އޭނާގެ ލޯބިވެރިޔާ ސަލާމަތްކުރަން، އޭނާ ކިޑްނެޕްކުރި މީހުންނާ ހަނގުރާމަ ކުރެ އެވެ. މި ހަނގުރާމައިގައި ރޯހަން އަށް ވަރަށް މުހިއްމު ކަމެއް އެނގެ އެވެ. އަހަރެމެން މި އުޅޭ ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ސިސްޓަމް އޭނާގެ އަނދިރި ހަޔާތަށް ވުރެ ވެސް މާ އަނދިރި ކަމެވެ.
ފިލްމުގެ ޓްރެއިލާ އިން ޔާމީ އާއި ރިތިކްގެ ގުޅުން އަދި މޮޅު ޕާފޯމަންސްގެ ފެނިގެންދެ އެވެ.
ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ "ގާބިލް" އަންނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ބޮކްސް އޮފީހުގައި މި ފިލްމާއި ޝާހްރުކް ޚާންގެ "ރައީސް"ގެ ބޮޑު ކުރިމަތިލުމެއް އޮންނާނެކަމަށް ވަނީ ބެލެވިފަ އެވެ.
"ގާބިލް" އަށް ވަނީ ފުރަތަމަ ޓްރެއިލާ އާ އެކު ވެސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ޓްރެއިލާ ރިލީޒްކުރަން ފިލްމުގެ ޕްރޮޑިއުސަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ހަމަޖައްސާފައި އޮތީ ބުދަ ދުވަހު ގިނަ ބައެއްގެ ސަމާލުކަން ހޯދަން ކަންތައްތަކެއް ކުރުމަށްފަހުގަ އެވެ. ނަމަވެސް ކުއްލިއަކަށް އަންގާރަ ދުވަހުގެ ހަވީރު އިންޓަނެޓުގައި ޓްރެއިލާ ލީކްވީ އެވެ. ރާކޭޝް ރޯޝަން އަށް ވެސް އަދި ފިލްމުގެ ކުރޫގެ އެއްވެސް މެމްބަރަކަށް ޓްރެއިލާ ރިލީޒްވީ ކީއްވެގެން ކާކުއަތަކުން ކަމެއް ނޭނގުނެވެ. ޔަގީންވާ އެއްޗަކީ އެމީހުންނާ އެނގުމަކާ ނުލާ ޓްރެއިލާ ލީކުވުމުން ރާކޭޝް ރޯޝަން މެންގެ ޕްލޭން މުޅީން ފްލޮޕްވީ ކަމެވެ.
އެހިސާބުން ދެން ހެދޭނެ އެއްވެސް ގޮތެއް ނެތުމުން ރިތިކް ވަކީ ފިލްމުގެ ޓްރެއިލާގެ ޔޫޓިއުބު ލިންކެއް ޓުވީޓްކޮށްފަ އެވެ.
މިހާރު މި ފިލްމު ޕްރޮޑިއުސުކުރި ރާކޭޝް ރޯޝަންގެ ފިލްމްކްރާފްޓް އިން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި ފިލްމު މާކެޓް ކުރަން އެމީހުން ރޭވި ހުރިހާ ރޭވުންތަކެއް ވަޔަށް އަރައިގެން ގޮސް ކަނޑައެޅިފައިވާ ގަޑިއަށް ވުރެ މާ އަވަހަށް ޓްރެއިލާ ރިލީޒްކުރަން މަޖްބޫރު ވީ ކަމަށެވެ.