ޓޮނާލީ އެންމެ ފަހުން މިލާނަށް
ޓޮނާލީ އެންމެ ފަހުން މިލާނަށް

މިލާން (އޮގަސްޓް 31) – އިޓަލީގެ އެންމެ އުއްމީދީ އެއް މިޑްފީލްޑަރު، ބްރެޝިއާގެ ސަންޑްރޯ ޓޮނާލީ އޭސީ މިލާނާ ގުޅެން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިލާނުން ޓޮނާލީގެ ޑީލް ހައިޖެކް މި ކުރީ، ވާދަވެރި އިންޓަ މިލާނުން އޭނާ ގެންދިއުމަށް ހުރިހާ ކަމެއް އެއްބަސްވެފައިވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އޮތީ އޭޕްރިލުން ފެށިގެން ބްރެޝިއާއާ އެކު އަދި ޓޮނާލީއާ އެކު އަނގަ ބަހުން އެއްބަސްވުމަކަށް އައިސްފަ އެވެ. އެކަމަކު ފަހުން އިންޓަ އިން ބޭޏުންވީ ތަޖުރިބާކާރު މިޑްފީލްޑަރު އަރްޓޫރޯ ވިޑާލް ނުވަތަ އެންގޯލޯ ކާންޓޭ ގެނައުމަށެވެ. އެހެންވެ އިންޓަ އިތުރު މުއްދަތެއް ދިނުމަށް އެދުމުން މިލާނުން އޭގެ ފައިދާ ނެގީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައޮލޯ މަލްޑިނީ އާއި ބްރެޝިއާގެ ރައީސް މަސިމީ ސެލީނޯ ވަނީ އަގަކާ މެދު އެއްބަސްވެފަ އެވެ. އެއީ ލޯން އުސޫލުން 10 މިލިއަން ޔޫރޯ އަށް ގެނެސް 15 މިލިއަނަށް ދާއިމީކޮށް އަދި ބޯނަސްގެ ގޮތުގައި އިތުރު 10 މިލިއަން ދޭ ގޮތަށެވެ. އަދި ފަހުން މިލާނުން ޓޮނާލީ ވިއްކާލާ ނަމަ ލިބޭ އަގެއްގެ 10 ޕަސެންޓް ވެސް ބްރެޝިއާ އަށް ލިބޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

މިލާނަށް ކުޑައިރުއްސުރެ ސަޕޯޓްކުރާ ޓޮނާލީ، 20، ވެސް ވަނީ އެ ކްލަބާ އެކު ކޮންޓްރެކްޓް ތަފްސީލްތަކަށް އެއްބަސްވެފަ އެވެ. އެއީ އަހަރަކު 2 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ކަމަށްވެ އެވެ.

ޓޮނާލީ ގެންދަން ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް ބޭނުންވި އެވެ. އެކަމަކު އޭނާ ބޭނުންވީ ކެރިއަރުގެ ކުރީކޮޅު އިޓަލީގައި މަޑުކުރާށެވެ. ބްރެޝިއާ ދެ ވަނަ ޑިވިޝަނުގައި އޮއްވާ ގައުމީ ޓީމުން ޖާގަ ހޯދި ޓޮނާލީ އަކީ އެންމެ ފަހުން ނެގި ސްކޮޑުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.

ޓޮނާލީ އަކީ ސެންޓްރަލް މިޑްފީލްޑް ނުވަތަ ޑިފެންސިވް މިޑްފީލްޑް މަގާމުގައި ހުރެ ޓީމުގެ ކުޅުން ކޮންޓްރޯލް ކުރާ ސްޓައިލުގެ ޕްލޭމޭކަރެކެވެ. އެކަމަކު ހަމައެކަނި ދިގު ރާސްތާ ޕާސްތަޖެއް ޖަހައިގެން އެޓޭކް އުފެއްދުމުގެ ބަދަލުގައި އިދިކޮޅު ޓީމުގެ ހަމަލާ ރޫޅާލައި، ބޯޅައާ އެކު ކުރިއަށް އަރައި އެޓޭކް އުފެއްދުމުގައި ވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެ އެވެ. ގިނަ ބަޔަކު އެނާ ސިފަކުރަނީ އިޓަލީގެ އަ އަންދްރޭ ޕިރްލޯގެ ގޮތުގަ އެވެ.

އޭނާ އަކީ އަހަރެންގެ ގޮތްތަކާއި ބައެއް އެހެން ކުޅުންތެރިންގެ ގޮތްތައް އެކުވެފައިވާ މަސްހުނި ކުޅުންތެރިއެއް،" ޕިރްލޯ ބުނެފައިވެ އެވެ.

މިލާނުން ސްކޮޑް ވަރުގަދަކުރަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ޓާގެޓްކޮށްގެންނެވެ. މިދިޔަ ސީޒަނުގައި ވަގުތީ ގޮތުން ގެނައި ސްޓެފާނޯ ޕިއޯލީއާ އެކު ނަތީޖާ ރަނގަޅުވުމުން އޭނާ ވަނީ ދާއިމީކޮށްފަ އެވެ. މީގެ އިތުރުން ފޯވާޑޤ ޒަލަޓާން އިބްރަހިމޮވިޗުގެ ކޮންޓްރެކްޓް އާކުރަން ނިންމައި އަދި ކުރިން މިލާނަށް ކުޅުނު، މޮނާކޯގެ މިޑްފީލްޑަރު ޓިމެޔޯ ބަކަޔޯކޯ އާއި ރެއާލް މެޑްރިޑުގެ އެޓޭކިން މިޑްފީލްޑަރު ބްރަހިމް ޑިއާޒް އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ފުލްބެކް ސާޖް އޮރިއޭ ގެންނަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.