ޕީރިއަޑްވުމުން 1 ދުވަހުގެ ޗުއްޓީއެއް ދޭން ފާހެއް ނުވި!
ޕީރިއަޑްވުމުން 1 ދުވަހުގެ ޗުއްޓީއެއް ދޭން ފާހެއް ނުވި!

ގާނޫނުން މިހާރު ވެސް ލިބިދޭ ސަލާމުގެ ޗުއްޓީގެ އިތުރަށް އަންހެން މުވައްޒަފުންނަށް، ޕީރިއަޑްވުމުން ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކުރާ އިސްލާހަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތާއީދު ނުލިބުމުން އަނބުރާ ގެންނަން ނިންމައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު ވިދާޅުވީ އެ އިސްލާހު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާހެއް ނުވި ކަމަށެވެ. އެހެންވެ އޭނާގެ ނިންމެވުމަކީ ބިލް އަނބުރާ ނެގުމެވެ.

މޫސާ ސިރާޖް، ގާނޫނުގައި ހިމަނުއްވަން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ މަހަކު މުސާރަ ލިބޭ ގޮތަށް އެއް ދުވަހުގެ ޗުއްޓީއެއް ދޭން ވާނެ ކަމަށެވެ. އެ ޗުއްޓީ ހައްގުކަން ސާބިތުކޮށްދޭން އެއްވެސް ލިއުމެއް މުވައްޒަފު ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އޭނާ ދެން ހުށަހެޅުއްވީ ކޮންމެ މަހަކު އެ ޗުއްޓީ ނުނަގާ މުވައްޒަފުންނަށް އަސާސީ މުސާރަ އިން އެއް ދުވަހަށް ޖެހޭ މިންވަރު އިތުރަށް ދިނުމެވެ.

ސިރާޖު ވިދާޅުވެފައިވާ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ޕީރިއަޑް ދުވަސްވަރު އަންހެން މުވައްޒަފުން މަސައްކަތަށް ނުކުމެ އުފުލަން ޖެހޭ ތަކުލީފުތަކަށް ގާނޫނީ ގޮތުން ލުޔެއް ހޯދައިދިނުމެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަލައިގަނެ އަމަލުކުރަމުން އަންނަ އުސޫލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އެ އުސޫލް ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށްވާނެތީ އާއި ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާނެ ކަމަށް ފެންނާތީ [ހުށަހެޅީ]،" ސިރާޖް ވިދާޅުވި އެވެ.