ރިތިކް މަޝްހޫރުވީ މައިންބަފައިންގެ ސަބަބުން: ކަންގަނާ
ރިތިކް މަޝްހޫރުވީ މައިންބަފައިންގެ ސަބަބުން: ކަންގަނާ

ރިތިކް ރޯޝަން އާއި ކަންގަނާ ރަނާވަތުގެ ހަނގުރާމަ އަށް އަދިވެސް ފިނިކަމެއް ނާދެ އެވެ. ރިތިކް އެއްޗެކޭ ނުބުންޏަސް ދޭތެރެ ދޭތެރެއިން ކަންގަނާ ރިތިކަށް ހަމަލާތައް ދެ އެވެ.

ނެހާ ދޫޕިއާ ހުށަހަޅައިދޭ "ނޯ ފިލްޓާ ނެހާ" ކިޔާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ކަންގަނާ ވަނީ އަނެއްކާވެސް ރިތިކަށް ވަރަށް ވަރުގަދަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ކަންގަނާ ބުނީ ރިތިކް އަށް ލިބިފައިވާ ކާމިޔާބީ އަކީ މައިންބަފައިންގެ މަޝްހޫރުކަމުން ލިބިފައިވާ އެއްޗެއް ކަމަށެވެ.

ފަހަކަށް އައިސް ކަންގަނާ ދައްކާ މިފަދަ އެއްވެސް ވާހަކައަކަށް ރިތިކް ޖަވާބެއް ނުދެ އެވެ. ނަމަވަސް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަރަށް ފަހުން ކަންގަނާ އަށް ދެ ފަހަރަކު ޖަވާބުދިނެވެ. އެކަމާ ވެސް ކަންގަނާ ވަރަށް މަލާމާތްކުރި އެވެ. އޭނާ ބުނީ 43 އަހަރު ފުރިފައިވާ ބޮޑު މީހެއްގެ ދިފާއުގައި އަދިވެސް އޭނާގެ ބައްޕަ ވާހަކަ ދައްކަން ޖެހުމުން ލަދުގަންނަން ޖެހޭ ކަމަށެވެ.

ރިތިކް އާއި ކަންގަނާގެ މެދުގައި ފުރަތަމަ މައްސަލަ ޖެހުނީ ކަންގަނާ ފިލްމީ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ރިތިކް އަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށް މޭރުންވާ ބަހުރުވައަކުން ވާހަކަ ދެއްކުމުންނެވެ. މިކަމާ ރިތިކް ރުޅިއައިސްގެން ކަންގަނާއާ ރައްޓެހިވުމަށް އޮތް ފުރުސަތަށް ވުރެ ޕޯޕް އާ ރަައްޓެހިވާން އޮތް ފުރުސަތު ވެސް މާ ބޮޑު ކަމަށް ބުނެ ޓުވީޓް ކުރި އެވެ. އެހިސާބުން ދެފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރެވެމުން ގޮސް މިހާރު ދެ މީހުން އެކަކު އަނެކަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ރިތިކް ބުނަނީ ކަންގަނާއާ އޭނާ އެއްވެސް އިރެއްގައި ރައްޓެހި ނުވާ ކަމަށެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ވެސް ރިތިކް އަށް ހެދިގެން ވާހަކަ ދައްކާފައިވަނީ އެހެން މީހެއް ކަމަށާއި ކަންގަނާ އަށް ރިތިކް އެއްވެސް އީމޭލެއް ނުކުރާކަމަށެވެ.