31 އޯގަސްޓް 2020 - 12:40

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވުމާ ގުޅިގެންނެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނީ ރާއްޖެއަށް ވަންނަ ޑޮލަރު މަދުވުމުގެ ސަބަބުން ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ. އިން މައްޗަށް އަރައިފަ އެވެ.
އަމީރު ވިދާޅުވީ ރާއްޖެއަށް ލިބޭ ޑޮލަރުގެ 80 ޕަސެންޓު ވަންނަނީ ޓޫރިޒަމް ދާއިރާއިން ކަމަށް ވާއިރު އެ ދާއިރާ އެއްކޮށް ހުއްޓިފައި އޮތުމުން ޑޮލަރު ވަންނަ ދޮރުތައް އެއްކޮށްހެން ބަންދުވީ ކަމަށެވެ. ނަމަވެސް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕެރެލަލް މާކެޓުގެ ރޭޓްސް މަތިވަމުން އަންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަންތައްތައް މެނޭޖު ކުރުމަށް އިންޑިއާގެ ކަރަންސީ ސްވަޕްގެ ތެރެއިން އެމްއެމްއޭއިން މަސައްކަތްތައް އެބަ ކުރޭ،" އަމީރު ވިދާޅުވި އެވެ.
ކަރަންސީ ސްވަޕުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ހިލޭ އެހީގެ ގޮތުގަ އާއި ލޯނުގެ ގޮތުގައި ލިބޭ ޑޮލަރު ވެސް އަގު ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި 190 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާ) ރާއްޖެއަށް ލިބިފައިވެ އެވެ. އަދި އިންޑިއާއިން ބަޖެޓް ސަޕޯޓުގެ ގޮތުުގައި 200 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) ދޭން ވަނީ ނިންމައިފަ އެވެ.