50 އަހަރު ފުރުން ފާހަގަކުރަން ޔާޝްރާޖުން ފިލްމު ފެސްޓިވަލްތަކެއް ބާއްވަނީ
50 އަހަރު ފުރުން ފާހަގަކުރަން ޔާޝްރާޖުން ފިލްމު ފެސްޓިވަލްތަކެއް ބާއްވަނީ

އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މި އަހަރު ބައިގަރުނުވެފައިވާތީ އެކަން ފާހަގަކުރަން ހިންގާ ހަރަކާތްތަކުގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި ފިލްމު ފެސްޓިވަލްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ސްޓޫޑިއޯ އަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދަން ނިންމާފައިވާ ކަންކަން ރަސްމީކޮށް އިއުލާންކުރާނީ މި މަހުގެ 27 ގަ އެވެ. އެ ދުވަހަކީ ވައިއާރްއެފްގެ ބާނީ އަދި 2012 ގައި މަރުވެފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ 88 ވަނަ އުފަން ދުވަހެވެ.

އޭނާގެ ދޮށީ ދަރިފުޅު މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ މިހާރު ހިންގުމުގެ ޒިންމާ ނަގާ ކުންފުންޏަށް ބައި ގަރުނު ފުރުމާ ދިމާކޮށް ފިލްމު ފެސްޓިވަލްތައް ބާއްވަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިންދީ ފިލްމުތަކަށް އަބަދު ވެސް ބޮޑު މާކެޓެއް އޮންނަ އިނގިރޭސިވިލާތާއި އެމެރިކާ އާއި ރަޝިއާ އާއި އޮސްޓްރޭލިއާ އާއި މެލެޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި އެ ފެސްޓިވަލްތަކުގައި ޔާޝްގެ އައިކޮނިކް ފިލްމުތަކުގެ އިތުރުން ވައިއާރްއެފުން ގެނެސްދިން ކާމިޔާބު ގިނަ ފިލްމުތަކެއް ދައްކާނެ އެވެ.

މި މަހުގެ 27 ގައި ވަރަށް ގިނަ ކަންކަން އިއުލާންކުރަން އެ ސްޓޫޑިއޯ އިން ތައްޔާރީތައް ވަމުން އަންނަ އިރު، އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް ސްޓޫޑިއޯގެ އާ ލޯގޯ ދައްކައިލުމާ އެކު، ބޮޑެތި ގިނަ ފިލްމުތަކެއް އިއުލާންކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި މުޅިން އަލަށް ވައިއާރްއެފްގެ ފިލްމުތަކުން ފެންނާނެ ކަމަށް ބެލެވޭ އަޖޭ ދޭވްގަން އާއި ޒުވާން އެކްޓަރު ވިކީ ކޯޝަލް ކުޅޭ ފިލްމެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އާ ތަރިންކެއް ނެރޭ ފިލްމުތަކެއް ވެސް އިއުލާންކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.