ޑޮލަރުގެ ދަތިކަން އެބައޮތް، އަދިވެސް ތާށިވާނެ: ބީއެމްއެލް
ޑޮލަރުގެ ދަތިކަން އެބައޮތް، އަދިވެސް ތާށިވާނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އަށް ވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ ކަމަށާއި އާންމުންނަށް ޑޮލަރު ފޯރުކޮށްދިނުމުގައި ކުރިއަށް އޮތްތާނގައި އިތުރަށް ދަތިވެދާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން އޮންލައިންކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރު ރަނގަޅު ނަތީޖާއެއް ނެރެވުނު ނަމަވެސް މި އަހަރު ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އެހެން ބޭންކުތަކެކޭ އެެއްގޮތަށް ބީއެމްއެލް އަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ޓޫރިޒަމުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައި ވުމާއެކު ޑޮލަރުގެ ލިކިއުޑިޓީ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ލިކިއުޑިޓީ ދެމެހެއްޓުމައި އުނދަގޫ ނަމަވެސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ބޭންކުން އަޅަމުންދާނެ ކަމަށެވެ. އަދި އެ ވަގުތަކަށް ލިބެންހުރި ވަރަކަށް ބަލައި އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅަން ޖެހޭ ކަމަށާއި އެގޮތުން ރާއްޖެ އަށް މުދާ ގެނައުމަށް ބޭނުންވާ ކަންކަމަށާއި މުހިންމު ޓީޓީތަކަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރި ކަމަށް ބަލާއިރު މީގެ މަދު ހަފްތާތަކަކާ ހަމައަށް ހުރީ މުޅިންހެން ހުއްޓިފައި. އޭގެ ސަބަބުން އަދި މިހާތަނަށް ރާއްޖޭގެ އިގްތިސާދަށް ނުކުރާހާ މިންވަރަކަށް ނޭދެވޭ އަސަރު މިވަނީ ކޮށްފައި. ވިޔަފާރިތަކަށް މިފަދަ ބޮޑު ލޮޅުމެއް އެރުމަކީ ބޭންކެއްގެ އާމްދަނީ އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް. އަދި ހަމަ އެހެންމެ މުޅި އަހަރުގެ މާލީ ނަތީޖާ އަށް ވެސް މީގެ އަސަރު ކުރާނެ،" ޓިމް ވިދާޅުވި އެވެ.

"މި ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިދާނެ ކަމަށް ނުބެލެވޭހިނދު ބޭންކުން ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހައި ގޮތްތައް ބަލަމުން. ޑޮލަރު ލިބުމުގެ ދަތިކަން އިތުރަށް ބޮޑުވެ ޕްރޮވިޝަނިން އިތުރުވަމުން ދާނެ. ކޮންމެފަދަ ހާލެއްގައި ވެސް ބޭންކު ދެމިއޮންނާނީ ދިވެހި ރައްޔިތުންނާ އެކު."

ޓިމް ވިދާޅުވި ގޮތުގައި މިހާތަނަށް ކޮވިޑް-19ގެ ސަބަބުން ކުރާ އަސަރު ކުޑަ ކުރެވިފައިވަނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ހޯދާފައިވާ ފައިދާ އާއި ރައުސުލްމާލު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓިފައި ހުރުމުންނެވެ. އަދި ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވުމުގެ ސަބަބުން ވިޔަފާރިތަކަށާއި އާއްމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ބޮޑެތި ކުންފުނިތަކަށް އިންޓްރެސްޓަކާ ނުލައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއެޑަކާ އެކު ލޯނު ދީފައިވާއިރު އެ ބޭންކުން ލޯނާއި ފައިނޭންސް ނަގާފައިވާ މީހުންނަށް މޮރިޓޯރިއަމް މުއްދަތުގެ ގޮތުގައި ހަ މަސް ދުވަސް ވެސް ވަނީ ދީފަ އެވެ. އަދި މިހާރު ވަނީ މި މުއްދަތު އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްފަ އެވެ.