31 އޯގަސްޓް 2020 - 11:23

ބީއެމްއެލްގެ ހިއްސާއަކަށް 26ރ. ބަހަން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
ހިއްސާގެ ފައިދާ ބަހަން ބޭންކްގެ ހިއްސާދާރުންގެ ވޯޓުން ފާސްކުރި ނަމަވެސް ފައިސާ ބަހާނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ހުއްދަ ލިބުމުންނެވެ. ކޮވިޑް-19ގެ ސަބަބުން އިގުތިސާދަށް ކޮށްފައިވާ ނުރަނގަޅު އަސަރުތަކުގެ ސަބަބުން، އެމްއެމްއޭ އިން އަންގާފައި ވަނީ ބޭންކްތަކުގެ ހިއްސާގެ ފައިދާ ބަހާ ނަމަ އެކަން މަރުކަޒީ ބޭންކަށް ހުށައެޅުމަށެވެ.
ބީއެމްއެމްލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ ވަނީ 2018އާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް ހިންގުމުގެ ފައިދާ 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ 2018އާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ފާއިތުވި އަހަރަކީ ވެސް އެ ބޭންކަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ބޭންކުގެ ރައުސޫމާލު ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ހުރި އިރު ފުދުންތެރިކަން 40 ޕަސެންޓަށް ވުރެ މަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށް ވުރެ ވެސް މަތީ އަދަދެކެވެ.
ސޯޔާ ވިދާޅުވީ މިދިޔަ އަހަރު ބޭންކުގެ އޮންލައިން އަދި ޑިޖިޓަލް ޗެނަލްތައް ބޭނުންކޮށްގެން 55 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބޭންކުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށް ދާއިރު ޑިޖިޓަލައިޒޭޝަން ވެގެންދާނީ ބޭންކުގެ ސްޓްރެޓެޖީގެ އެންމެ މުހިންމު އެއްބަޔަށް. ބޭންކިން ހިދުމަތް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ޓެކްނޮލޮޖީގެ ރޮނގުން ބޭންކް އިތުރަށް ތަރައްގީ ކުރަމުން ދާނަން،" އޮންލައިންކޮށް ބޭއްވި އަހަރީ ޖަލްސާގައި ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ އެ ކުންފުނީގެ ސީއެސްއާރު ދަށުން މިދިޔަ އަހަރު 140 ޕްރޮޖެކްޓެއް ހިންގައިފަ އެވެ. މީގެ ތެރޭގައި އެ ބޭންކުގެ "އަހަރެންގެ ބޭންކް، ކޮމިއުނިޓީ ފަންޑު"ގެ ދަށުން ކުރިއަށްގެން ދިޔަ ޕްރޮޖެކްޓުތައް ވެސް ހިމެނެ އެވެ.