27 އޮކްޓޯބަރ 2016 - 05:32

އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރަން ނިންމާފައިވާ ޑްރާމާ ސިލްސިލާ "ލީނާ" އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށާއި އޭގެ ސްކްރީންޕްލޭ އަށް ވެސް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މުއާ ބުނެފި އެވެ.

ކުރިން އޮތް ގޮތުން ނަމަ "ލީނާ" އަކީ މީގެ 18 އަހަރު ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު، އެ ޖަމިއްޔާގެ ސެކްރެޓަރީ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާގެ މައްޗަށް ބިނާކޮށް ހަދަން ނިންމި ފަސް އެޕިސޯޑްގެ ޑްރާމާއެކެވެ.
މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު ޒަރީރެވެ.
އެހެން ނަމަވެސް ސްކްރީންޕްލޭ އަށް ބޮޑެތި ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް މުއާ ބުންޏެވެ. އެކަމަކު ޑްރާމާގެ މައިގަނޑަކީ މިހާރު ވެސް މަރުގެ ހާދިސާއެކެވެ.
"ޒަރީރު މިހާރު މި ވަނީ ސްކްރީންޕްލޭ ގެނައި ބަދަލުތަކާ އެކު އޭގެ ފައިނަލް ޑްރާފްޓް ވެސް ނިންމާލާފައި،" ތަފުސީލަކަށް ނުގޮސް މުއާ ބުންޏެވެ. "ދެން ކާސްޓުން ހޮވައި މި އަހަރުގެ ފަހުކޮޅު މީގެ ޝޫޓިން ފަށާނަން."
އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް ޑްރާމާ ގެނެސްދޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، ޑްރާމާ ދައްކަން ފަށާނީ ކިހާ ހިސާބެއްގައި ކަމެއް މުއާ ނުބުނެ އެވެ.
"ލީނާ" ގެނެސްދޭނީ ޗެނަލް 13 އިންނެވެ. މިކަމާ ގުޅޭ ގޮތުން އެ ޗެނެލާއި މުއާއާ ދެމެދު ވަނީ ވާހަކަތަކެއް ދެކެވިފަ އެވެ.
"މީތި އަސްލު ލަސްކޮށްލި އެއް ސަބަބަކީ ޗެނަލް 13 ރިބްރޭންޑް ވެސް ކުރަން މަސައްކަތް ކުރަމުނދާތީވެ. އެކަމަކު އަންނަ ބެލުންތެރިންނަށް ޑްރާމާ ގެނެސް ދޭނަން،" މުއާ ބުންޏެވެ.
"ލީނާ" ޝޫޓް ކުރަން ނިންމާފައި ވަނީ މާލެ އާއި މާލެ އަތޮޅު ކައިރި ރަށެއްގަ އެވެ. މުއާ ބުނީ ޝޫޓިން ދާނެ ކަމަށް ލަފާކޮށްފައި ވަނީ 10-15 ދުވަހުގެ މުއްދަތެއް ކަމަށެވެ.