ދައުލަތުގެ އެއްވެސް ލާރިއެއްގައި  ޖެހިފައެއް ނޯންނާނެ: އަމީރު
ދައުލަތުގެ އެއްވެސް ލާރިއެއްގައި ޖެހިފައެއް ނޯންނާނެ: އަމީރު

ދައުލަތުން ލިބޭ ހަމައެކަނި އާމްދަނީ އަކީ މުސާރަ ކަމަށާއި އެހެން އެއްވެސް ލާރިއެއްގައި ޖެހިފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ އޭނާއަކީ ކޮރަޕްޓު މީހެއްގެ ގޮތުގައި ދެއްކުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އޭނާ ދަންނަ ކޮންމެ މީހަކަށް އޭނާ އަކީ އަމާނާތްތެރިއެއްކަން އެނގޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިނިސްޓްރީގެ ހުރިހާ ކަމެއް ވެސް ކުރައްވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދިި އޭނާގެ އަޒުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް އާއްމުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފުއްދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އަމީރު ވައްކަން ނުކުރާނެ ކަން. އަޅުގަނޑު މި މަގާމާ ހަވާލުވި ފަހުން މިވީ ދެ އަހަރު ތެރޭގައި އުސޫލާ ހިލާފަށް ނުހުންނާނެ އެއްވެސް ކަމެއްކޮށްފައި. މުސާރައިގެ ބޭރުން ޖާއިޒު ގޮތުގައި ވެސް ނާޖާއިޒު ގޮތުގައި ވެސް އެންމެ ސެންޓެއްގައި ވެސް ޖެހިފައެއް ނުހުންނާނެ،" އަމްރު ވިދާޅުވި އެވެ.

މިނިސްޓަރުގެ އަމިއްލަ ހިއްސާ އޮންނަ ކުންފުނިތަކާއި ނުވަތަ އަމިއްލަ މަންފާއަކަށް ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލުކުރާ ވާހަކައަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދެކެވެމުން އަންނަ ވާހަކަތަކެކެވެ. އެގޮތުން، އެމްއެންޑީއެފްގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ރެއިންބޯ ގްރޫޕާ ހަވާލުކޮށްފައިވަނީ އެ ކުންފުނިން މިނިސްޓަރަށް ދެ އެޕާޓްމަންޓް ހަދިޔާ ކުރުމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަމީރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މިކަމާ ގުޅޭގޮތުން އަމީރު ވިދާޅުވީ ރެއިންބޯ ގްރޫޕާ ޕްރޮޖެކްޓު ހަވާލު ކުރީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން، މިހާރު އޮންނަ ޕްރޮކިއުމަންޓް އުސޫލުގެ ދަށުން އެއް ކުންފުންޏަކަށް ގިނަ ޕްރޮޖެކްޓުތައް ހަވާލު ނުކުރެވޭ ކަމަށާއި ރެއިންބޯއާ ޕްރޮޖެކްޓު ހަވާލު ކޮށްފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރެއިންބޯއިން ފްލެޓް ދިން ކަމަށް ބުނަނީ އަޅުގަނޑަކީ ކޮރަޕްޓް މީހެއް ކަމަށް ދައްކަން. އެކަމަކު މިހާރު ޕްރޮކިއުމަންޓު އުސޫލުގެ ދަށުން ވަކި އަދަދަކަށް އެއް ކުންުފުންޏަކާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭނީ. އެއްފަހަރާ ގިނަ ޕްރޮޖެކްޓުތައް އެއް ކުންފުންޏަކާ ހަވާލު ކުރުމުން މަސައްކަތް ލަސްވެ ގޮންޖެހުންތަކާ ދިމާވޭ،" އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން އަމީރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލު ކުރާ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.