31 އޯގަސްޓް 2020 - 12:23

ކޮލަމްބޯ (އޮގަސްޓް 31) - ސްރީ ލަންކާގެ ކެންޑީ ސަރަހައްދަށް ހޮނިހިރު ދުވަހު އެރި ލޮޅުމަކީ ގުދުރަތީ ބިންހެލުމެއް ނޫން ކަމަށް ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯ އިން ބުނެފި އެވެ.
ބިއުރޯގެ ޗެއާމަން އަނޫރާ ވަލްޕޮލާ ވިދާޅުވީ ކެންޑީގެ ހަރަގަމަ އޭރިއާ އަށް ހޮނިހިރު ދުވަހުގެ ރޭ އެރި ލޮޅުމާ މެދު އާއްމުން ބިރުގަންނަން ޖެހޭ އެެއްވެސް ކަމެއް ނެތް ކަމަށެވެ. ގައުމީ ޓީވީ ރުޕަވާހިނީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކެންޑީ އަށް އެރޭ 8:32 ގައި އެރި ލޮޅުން ރެކޯޑްކުރެވިފައި ވަނީ ޕަލެކެލޭ ސީސްމިކް ސެންޓަރުން އެކަނި ކަމަށެވެ.
"ބިއުރޯގެ ފަސް ސެންޓަރެއް ހުރޭ. ޕަލެކެލޭގެ އިތުރުން މިހިންޓަލެ، ހަކްމަނާ، ޕުއްތަލަމް އަދި ކޮލަމްބޯގައި ސެންޓަރުތައް ހުރޭ. ސްރީ ލަންކާ އަށް ބިންހެލުމެއް އައި ނަމަ މި ފަސް ސެންޓަރަށް ވެސް ރެކޯޑް ކުރެވިފައިވާނެ،" އޭނާ ވިދާޅުވި އެވެ. "މިއީ ގުދުރަތީ ބިންހެލުމެއް ނޫން. ބިންހެލުމެއް ކަމަށް ބަލާނީ ރިކްޓަ މިންގަނޑުން 2.0 އަށް ވުރެ މަތިން ރެކޯޑްކުރެވިފައިވާ ނަމަ. އެފަދަ ރެކޯޑެއް ނެތް."
ވަލްޕޮލާ ވިދާޅުވީ ކެންޑީ އަށް އެރި ލޮޅުން އިތުރަށް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ކެންޑީގެ ބައެއް މީހުން ބުނި ގޮތުގައި ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ފްރޭމްތައް ވެސް، ލޮޅުމުގެ ސަބަބުން ވެއްޓުނު ކަމަށެވެ.