ކޮވިޑަށް 89 މީހަކު އަލަށް ޕޮޒިޓިވްވެ 111 މީހަކު ރަނގަޅުވެއްޖެ
ކޮވިޑަށް 89 މީހަކު އަލަށް ޕޮޒިޓިވްވެ 111 މީހަކު ރަނގަޅުވެއްޖެ

ވެއަތުވެ ދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19 އަށް ރާއްޖޭން އަލަށް 89 މީހުން ޕޮޒިޓިވްވި އިރު 111 މީހުން އެ ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި 89 މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ ދިވެހިންނެވެ. އެގޮތުން 63 ދިވެހީން ޕޮޒިޓިވް ވެފައިވާއިރު ބަންގްލަދޭޝްގެ 20 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އިންޑިއާގެ ފަސް މީހަކާއި ލަންކާގެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއަދުގެ އަދަދުތަކާއެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,667 އަށް އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ.

މިރޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ހޮސްޕިޓަލުގައި 181 މީހަކު އެޑްމިޓްކޮށްފައި އެބަ ތިއްބެވެ. މި އަދަދު އިތުރުވަމުން އަންނާތީ ވަނީ ކަންބޮވުން އިތުރުވެފަ އެވެ.

ކޮވިޑް-19 އިން ރަނގަޅު ނުވެ ރާއްޖޭގައި ތިބި މީހުންގެ އަދަދަކީ 2،597 އެވެ. ބަލިން ރަނގަޅުވި ޖުމުލަ އަދަދު ވަނީ 5،036 އަށް އަރައިފަ އެވެ.

ކޮވިޑް-19 ގައި ރާއްޖޭން މިހާތަނަށް 28 މީހުން ވަނީ މަރުވެފަ އެވެ. މިފަހުން ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.